އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލައެއްގައި ހުކުމްކުރި މީހާގެ އަތުގައި ދިވެހި ޕާސްޕޯޓެއް ނޯންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފިއެވެ.
ބޭރުގެ މީޑިއާތަކުން މިދިޔަ ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މަސާޖު ޕާލާއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރު ޖަލު ހުކުމެއް އިއްވާފައިވާ އުމުރުން 36 އަހަރުގެ "ސަންދަރިލިންގަމް ކޫޑަލިންގަމް" ނަމަކަށް ކިޔާ މީހާއަކީ ރާއްޖެއަށް ނިސްބަތްވާ މީހެކެވެ.
ބޭރުގެ މީޑިއާތަކުން އެއީ ދިވެއްސެއް ކަމަށް ބުނި ނަމަވެސް، އެ ވާހަކަތައް މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވަނީ ދޮގުކޮށްފައެވެ. އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ އެ މީހާއަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މީހެއް ނޫން ކަމަށެވެ.
އެކަމާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ "ސުންދަރިލިންގަމް ކޫޑަލިންގަމް" އަކީ ރާއްޖޭގެ ރައްވެހިކަން އޮންނަ ފަރާތެއް ކަމަށްބުނެ، ބައެއް ނިއުސް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރު ކުރަމުންދިޔަ ނަމަވެސް، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، މަތީގައި އެވާ ނަން ކިޔާ ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވެއެވެ. މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައިވެސް، އެއްވެސް އިރެއްގައި، އެ ނަން ކިޔާ ފަރާތަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތެވެ..،" ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ އެފަދަ ކަންކަމުގައި އެކި މަންސަތަކުގައި ހަބަރު ފަތުރާ އިރު، ސައްހަ މައުލޫމާތު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ މައްސަލައިގައި ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަންދަރިލިންގަމް ކޫޑަލިންގަމް އަކީ ރާއްޖެއިން 2021 ވަނަ އަހަރު އިނގިރޭސިވިލާތަށް ދިޔަ މީހެކެވެ. އެ މައްސަލައިގައި ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ