ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އެއީ ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއާއި ބ. މާޅޮސް ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއު އަދި ބ. ދޮންފަނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއެވެ.

އެ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފެވެ.

7 އޯގަސްޓް 2025، ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކައާ ހަވާލުކުރުން -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ މަޝްރޫއުތަކުގެ ތެރެއިން ހިތާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 33.7 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް އެ މަޝްރޫއުގެ އިތުރު ތަފްސީލު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މާޅޮސް ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 12.1 މިލިއަން ރުފިޔާއަށް 545 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމާއި، ލެބޯޓަރީއާއި، ނާސް ސްޓޭޝަނާއި، ޕްރޮސީޖާ ރޫމާއި، ގަރާޖު އަދި ސްޓޯ ރޫމްގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރުންވެސް ހިމެނެއެވެ.

ދޮންފަނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ ވެސް 12.1 މިލިއަން ރުފިޔާއަށް 545 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމާއި، ލެބޯޓަރީއާއި، ނާސް ސްޓޭޝަނާއި، ޕްރޮސީޖާ ރޫމާއި، ގަރާޖު އަދި ސްޓޯ ރޫމްގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރުންވެސް ހިމެނެއެވެ.