އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ އެމްބެސަޑަރު އަދި މަޝްހޫރު ބޮޑުބެރު ބޭންޑް ކަމަށްވާ ހަބޭސް ބޮޑުބެރާއެކު ހަތަރު ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާހެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.

އުރީދޫން ބުނީ އެ އެކްސްކްލޫސިވް ޕްރޮގްރާމުގެ މަގުސަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި އަދި ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅު ބައިވެރިންނަށް ދަސްކޮށްދިނުން ކަމަށެވެ.

އެ ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަސްތަކާ ދިމާކޮށެވެ. އެއީ މިމަހުގެ 16، 23، 30 އަދި އަންނަ މަހުގެ 6 ގައެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގެ ހަތަރުވަނަ ފަންގިފިލާގައި އެ ދުވަސްތަކުގައި ކްލާސްތައް ކުރިއަސްގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00 އިން 11:00 އަށެވެ.

އެ ކްލާސްތަކުގައި ބައިވެރިވެވެނީ 18 އަހަރުންމަތީގެ މީހުންނަށެވެ. އަދި ބައިވެރިވެވޭނީ ގިނަވެގެން 20 ބައިވެރިންނަށެވެ.

އުރީދޫން ބުނީ އެ ކްލާހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނެގޭނެ ކަމަށާއި ބައިވެރިވެވޭނީ ރަޖިސްޓާ ކުރާ އެންމެ ފުރަތަމަ 20 ބައިވެރިންނަށް ކަމަށެވެ.

އެ ކްލާސްތަކަށް ރަޖިސްޓްރީވުމުގެ މުއަދަތު ހަމަވާނީ މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 23:59 ގައެވެ. ބައިވެރިންނާއި މުއާމަލާތް ކުރެވޭނީ ރަޖިސްޓްރީކުރުމަށް ބޭނުންކުރެވޭ ފޯން ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދެމުންދާތާ 20 އަހަރު ފާހަގަކުރަމުންދާ އިރު، އެ ބޮޑުބެރު ކުލާހަކީ އުރީދޫން ދިވެހި ތަރިކައަށް އަދި ދިވެހިވަންތަ ކަންކަން ކުރިއެރުވުމަށްދޭ އަހަންމިއްޔަތުކަން ފާހަގަކުރެވޭ ކަމެކެވެ. އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ ގުޅިގެން ކަސްޓަމަރުންނާއި މުޖުތަމައުއަށް އެ އަގުހުރި ތަޖުރިބާ ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫން ބުންޏެވެ.

ބޮޑުބެރު ކްލާހަށް ރަޖިސްޓާވުމުގެ ލިންކު