ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ޓެކުހާ ބެހޭ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.

ގާނޫނު އިސްލާހުކުރުމަށް އޮޑިޓް އޮފީހުން އަންގާފައިވާ އިރު، ޓެކުހާ ބެހޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، މީރާއަށް ބޮޑެތި ބާރުތަކެއް ދޭން، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން އިއްޔެ ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ

މިދިޔަ އަންގާރަ ދުވަހު އާންމުކުރި މީރާގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ޖުމުލަ 13.2 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ޓެކްސް އާމްދަނީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި 6.55 ބިލިއަން ރުފިޔާ އަދި ނޮން ޓެކްސް އާމްދަނީ އާއި ޖޫރިމަނާގެ ގޮތުގައި 6.67 ބިލިއަން ރުފިޔާއެވެ.

އެ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިނުވަނީ ރިސޯޓުތަކުގެ ކުލިންނެވެ. ޖޫރިމަނާއާއެކު ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ޖުމުލަ 5.9 ބިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި 2022 ވަނަ އަހަރު ވެސް ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 14.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި 2016 އިން ފެށިގެން 2023 ގެ ނިޔަލަށް ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދުތަކުގެ ހިސާބުތަކުން ދައްކާގޮތުގައި އެ އަދަދު އެންމެ ބޮޑުވެފައިވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ދައުލަތަށް ލިބިފައިނުވާ ފައިސާގެ އަދަދު ޖުމުލަ 21.66 ބިލިއަން ރުފިޔާއަށް އަރައެވެ.

މީރާއަށް 2020 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ތެރެއިން ވެސް 13.5 ބިލިއަން ރުފިޔާއަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ކުއްޔާއި ރަށްރަށުގެ ކުއްޔާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގެނައި އިސްލާހުގައި ކުލި ނުދައްކައިގެން ނަގާ ޖޫރިމަނާ ރޭޓް ކުޑަކުރުމުގެ ސަބަބުން 2021 ވަނަ އަހަރު އެ އަދަދުތައް މަދުވެފައިވާކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން އިސްލާހުކުރަން ދިން ލަފާގައި ވަނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ އެންފޯސްމަންޓް ފިޔަވަޅުތައް ގަވާއިދުން އަޅަމުން ގެންދިއުމަށާއި ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅު އިތުރަށް ހަރުދަނާކުރުމަށް ޓެކުހާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަދި އެންފޯސްމަންޓް އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންގައިފައެވެ.

ދައުލަތަށް ނުލިބި ހުރި ނޮން ޓެކްސް ފައިސާގެ އަދަދު، އަދި ހާއްސަކޮށް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ވެސް ވަނީ އަންގައިފައެވެ. އަދި އެ ފައިސާ ހޯދުމުގައި މިހާރު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އެޅޭނެ ފިިޔަވަޅުތައް ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށް ވެސް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަކީ އެހެނިހެން އިދާރާތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަމާ ގުޅުންހުރި ފައިސާ ކަމަށްވުމުން، އެ ފައިސާ ހޯދުމަށް އެ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ފައިސާ ހޯދާނެ ގޮތުގެ މަގުޗާޓެއް ފިނޭންސް މިނިސްޓްރީގެ އިސްނެގުމާއެކު އެކުލަވާލައި ތަންފީޒުކުރުމަށް ވެސް އޮޑިޓް އޮފީހުން ވަނީ އަންގައިފައެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

ގާނޫނަށް އެ އިސްލާހުތައް ގެނައުމުގެ މަގުސަދެއް ކަމަށް ބިލުގައި ބުނެފައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމެވެ. އަދި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތްތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހުކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒު ކުރުން ހަރުދަނާ ކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ބިލުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބޭ ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ އިހުތިޔާރު ބަނޑާރަނައިބުގެ ބަދަލުގައި ދީފައިވަނީ މީރާއަށެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އެ ބިލުން ވަނީ މީރާއަށް ދީފައެވެ.

އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ދޭން ވެސް ވަނީ ހުށަހަޅައިފައެވެ.

މީރާގައި އޮންނަ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެތަނުން ފޮނުވާ ނޯޓިހެއް ނުވަތަ ލިޔުމެއް އެ ލިޔުން ފޮނުވާ ތާރީހުން ފެށިގެން، އެ ފަރާތަށް ލިޔުން ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅަން ވެސް ބިލުގައި ހިމަނާފައިވެއެވެ.

އެ ބިލުގައި ޓެކުހާ ގުޅޭ އާ ކުށްތަކެއް ގާނޫނުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމަނަން ހުއްދަ ދިނުމާއި އޭގައި ހިމަނަންޖެހޭ މައުލޫމާތެއް ނުހިމަނަން ހުއްދަ ދިނުމާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުން ހުއްދަ ކުރުމަކީ ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ. ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުމަށް ހުއްދަ ކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.

ބިލުގައި އެ ކުށްތައް ހިމަނާފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ގޮތުގައެވެ.

ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަ ތިން މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ ކުށް، އެ ބިލުގައި ވަނީ ތިންމަސް ދުވަހާއި ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފައެވެ.

ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށުގެ ބަޔަށް އެ ބިލުން ބަދަލު ގެނެސްފައިވާ އިރު، ޓެކްސް ބަޔާނާއި ބަޔާނާއެކީ ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކުހާ ގުޅޭގޮތުން ހުށަހަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުމަކީ ކުށެއް ކަމަށް ވެސް ވަނީ ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން ގާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނާ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުމަކީ ވެސް ކުށެކެވެ.

މިހާރު ގާނޫނުގައި އޮންނަނީ، ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާ މެދު ގާނޫނުން ހުއްދަކުރާ ފިޔަވަޅެއް އެޅޭނީ އެ ކުށްކުރި ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަސް ވުމުންނެވެ.

ނަމަވެސް އެގޮތް ބަދަލުކޮށް، މިހާރު ހުށަހަޅާފައިވާ ބިލުގައި، ޓެކްސް ބަޔާނުގެ އިތުރުން ޓެކްސް ބަޔާނާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓްރީ ނުކުރުމާއި ޓެކްސް ދައްކަންޖެހޭ ފަރާތުން، ދައްކަންޖެހޭ ދުވަހަށް ޓެކްސް ނުދެއްކުން ފަދަ ކަމެއް ކޮށްފިނަމަ، ފިޔަވަޅު އެޅުމަށް ގާނޫނުގައި މިހާރު އޮންނަ ދެ އަހަރު ދުވަހުގެ މުއްދަތުން އިސްތިސްނާވެއެެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާއަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ސިއްރު ކުރަންޖެހޭ ޓެކްސްގެ މައުލޫމާތު ސިއްރުކުރުން ހަރުދަނާކުރުމަށް ގެނެސްފައިވާ ބަދަލެއްގެ ގޮތުން ބިލުގައި ވަނީ، ޓެކްސް އިދާރާ "މީރާ"ގެ މުވައްޒަފަކު ހާމަކުރާ މައުލޫމާތުގެ ސިއްރުކަން ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.