ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާ ކަމަށްބުނެ، އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުން ސޮއިކުރައްވައި ރައީސަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަކީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
ވަޒީރުންގެ މަޖިލިސް މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭން ވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.
ސިޓީގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހުލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު އެޅުމާއި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަން ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"..ރައްޔިތުންނަށް މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ވުޒާރާތަކުން ކުރާ މަސައްކަތްތަކާއި، އަދި، މި ހިނގާ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރަމުންގެންދާ މިންވަރު ބެލުމަށްޓަކައި ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވާނެއެވެ. އެހެންނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، އަޅުގަނޑުމެންގެ ދުސްތޫރީ ވާޖިބަށް ވަޒީރުން ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ..،" އެމްޑީޕީ މެންބަރުންގެ ސިޓީގައި ވިދާޅުވިއެވެ.
ސިޓީގައި ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއްކަމަށްވީ ހިނދު، މަޖިލިސް މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ރައީސަށް ލާޒިމު ކަމެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައި، ގާނޫނުއަސާސީ އާއި ގާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރުކުރެއްވުމަށް ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް