ދަރަނި އަދާކުރުމަށް 212.6 މިލިއަން އެމެރިކާ ޑޮލަރު ރިޒާވުން ހޭދަކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން މިއަދު އާންމުކުރި "މަނިޓަރީ ސިޔާސަތުގެ ދަށުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އަޅާފައިވާ ފިޔަވަޅުތައް" ނޫސްބަޔާނުގައިވާ ގޮތުން ރިޒާވަށް ލިބޭ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީންނެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ޓެކުހާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ ވަނީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 30 ޕަސަންޓަށް އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.
"2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރިޒާވްއިން ކޮށްފައިވާ ހޭދަތަކަށް ބަލާއިރު، ސަރުކާރުގެ ބޭރުގެ ދަރަނި އަދާކުރުމަށް 212.6 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 60 ޕަސަންޓުގެ އިތުރު އަދަދެކެވެ" އެމްއެމްއޭއިން ބުންޏެވެ.
އަދި ރާއްޖެއަށް ތެލާއި ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އެ މުއްދަތުގައި ވަނީ 274.3 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް (ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާއަށް ވިއްކާ އަދަދު، ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާ، އަދި އުމްރާ ގްރޫޕްތަކަށް ވިއްކާއަދަދު ހިމެނޭގޮތަށް) ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 217.0 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް މަޑުޖެހި ރާއްޖެއަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ ދަށްވުމުގެ ސަބަބުން، ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރި ކަމަށެވެ.
ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި، ބޭރު ފައިސާގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވިކަމުގައި ވީނަމަވެސް ރާއްޖޭގެ ރިޒާވަށް އޭގެ އެންމެ އެދެވޭ ބަދަލު ނުފެނ،ި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު އަހަރަކުން އަހަރަކަށް ބޮޑުވަމުންދާކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު ބޮޑުވާ ސަބަބުތައް:
- 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ. އެގޮތުން، 2017 ވަނަ އަހަރުން 2021 ވަނަ އަހަރަށް ކޮންމެ އަހަރަކު ތެލަށްކުރާ ހަރަދު އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ވިއްކާ ޖުމްލަ ބޭރު ފައިސާގެ ނިސްބަތުން އެވްރެޖްކޮށް 33 ޕަސަންޓުގައި ހުރިއިު، 2022 ވަނަ އަހަރުން 2024 ވަނަ އަހަރަށް އެވްރެޖްކޮށް އެ އަދަދު ވަނީ 49 ޕަސަންޓަށް އިތުރުވެފަ
- ސަރުކާރާއ،ި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށް އަދި އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ އެކިބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާ ޑޮލަރު ވަނީ ބޮޑުތަނުން އިތުރުވުން
- ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން ސަވްރިން އެކްސްޓާނަލް ޑެޓް ބޮޑުތަނުން އިތުރުވުމުގެ ސަބަބުން ފާއިތުވި ދެތިން އަހަރު ތެރޭގައި ސަރުކާރަށް އެކްސްޓާނަލް ފައިނޭންސިން ހޯދުމަށް ދަތިވުން
އެމްއެމްއޭއިން ބުނީ 2021 ވަނަ އަހަރުން ފެށިގެން ރިޒާވް ދަށްވަމުން އައިސް 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 371.2 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ އިތުރުވުމާއި، ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ސާކް ފްރޭމްވޯކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަރަންސީ ސްވޮޕް ނެގުމުގެ ސަބަބުން ރިޒާވްގެ ހާލަތު ވަނީ ކުރިއަށްވުރެ ރަނގޅު ކުރެވިފައިކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއިން ބުނި ގޮތުގައި މިއަހަރު ޖޫން މަހުގައި ބޭރު ފައިސާގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ޔޫޒަބަލް ރިޒާވްގައި ހުރީ 202 މިލިއަން ޑޮލަރުކަމަށް އެމްއެމްއޭއިން ބުންޏެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ