ވިކްޓޯ ޔޯކެރޭޝް އާސެނަލާ ގުޅުމުގެ ކުރިން ހުރީ ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނުތަކަށް ނުނުކުމެ ކަމަށާއި މިވަގުތު ފިޓްނަސްގެ މައްސަލަތަކެއް އުޅުނު ނަމަވެސް، ސީޒަން ފެށެންވާއިރަށް ފިޓް ވާނެ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ޔޯކެރޭޝް، 27، ޕޯޗުގަލްގެ ސްޕޯޓިންއަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު 102 މެޗުން 97 ގޯލު ޖަހައިދީފައިވެއެވެ. ގިނަ ކްލަބުތަކަކުން އޭނާ ހޯދަން މަސައްކަތް ކޮށްފައިވާ އިރު، އާސެނަލުން މިދިޔަ މަސް ތެރޭގައި ޑީލް ނިންމީ 63.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.
އާސެނަލާއެކު ތަމްރީނުތައް ކުރިއަށް ގެންދިޔުމަށްފަހު ޔޯކެރޭޝް މިހާތަނަށް ވަނީ އެކުވެރިކަމުގެ ދެމެޗެއްގައި ކުޅެފައެވެ. ފުރަތަމަ މެޗުގައި ބަދަލަކަށް ނުކުތް ނަމަވެސް، ރޭ އާސެނަލުން ވިލަރެއާލް ކައިރިން ބަލިވި މެޗުގައި އޭނާ ނުކުތީ ފުރަތަމަ 11 އަށެވެ. ރޭގެ މެޗުގައިވެސް ޔޯކެރޭޝްއަށް މާ ބޮޑު ތަފާތެއް ދެއްކިފައެއް ނުވެއެވެ.
"ޔޯކެރޭޝް 100 ޕަސެންޓް ތައްޔާރު ކުރެވޭނެ ސީޒަނަށް. ޔޯކެރޭޝް މިވަގުތަށް ބޭނުންވަނީ މެންޓަލީވެސް އެޖެސްޓްވާން. އެހެންވެގެން ފުރަތަމަ 11 އަށް ނެރެގެން މި ކުޅުވީވެސް،" އާޓެޓާ ބުންޏެވެ.
އާޓެޓާ އިތުރަށް ބުނީ އާސެނަލާ ޔޯކެރޭޝަން ގުޅުނުތާ އަދި މިވީ ހަފުތާއެއް ނަމަވެސް، ކަންކަން ރަނގަޅުވަމުން މަޑުމަޑުން ފިޓްނަސް ރަނގަޅުވަމުންދާ ކަމަށެވެ.
"އާސެނަލާ ގުޅުމުގެ ކުރިން ޔޯކެރޭޝް ހުރީ ވަރަށް ދުވަސް ވަންދެން އެއްވެސް ވަރަކަށް ތަމްރީނުތައް ނުހަދާ. އެއީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މުއްދަތަކާ ހަމައަށް. އެހެންވީމަ ފިޓްނަސް އެންމެ ރަނގަޅެއް ނޫން. އެހެން ވިޔަސް ފިޓްވާނެ،" އާޓެޓާ ބުންޏެވެ.
ރޭ އާސެނަލުން ވިލަރެއާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް