ޓޮޓެންހަމްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު އެ ކްލަބު ދޫކޮށްލި ސޮން ހިއުން-މިން އާއި ބަޔާން މިއުނިކަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު އެ ކްލަބު ދޫކޮށްލި ތޯމަސް މުލާވެސް އެމެރިކާގެ މޭޖާ ލީގު ސޮކާގެ ޓީމުތަކަށް ސޮއިކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މުލާ، މިފަހަރު ބަޔާން ދޫކޮށްލީ މިދިޔަ ސީޒަނަށްފަހު އެއްބަސްވުން ހަމަވުމުންނެވެ. މުލާ ކްލަބު ވޯލްޑް ކަޕުގައި ކުޅުމަށްފަހު ރަސްމީކޮށް ބަޔާން ދޫކޮށްލާފައިވާ އިރު، އޭނާ އެމެރިކާ ލީގުގެ ވެންކޫވާ ވައިޓް ކެޕްސްއަށް ސޮއިކުރީ މި ސީޒަނުގެ ނިޔަލަށެވެ.

ހަބަރުތައް ބުނެފައިވަނީ މުލާ ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން، ވެންކޫވާއަށް، އެ ކްލަބު ބޭނުންވާނަމަ އަނެއް ސީޒަނަށް އެއްބަސްވުން ދަންމާލުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ޖަރުމަނު ގައުމީ ޓީމަށް 131 މެޗު ކުޅެފައިވާ މުލާ، ގައުމީ ޓީމަށް 45 ގޯލު ޖަހައިދީފައިވެއެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕު ރަން ބޫޓު ހޯދި މުލާ ވަނީ އެގައުމާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕު އުފުލާލައިފައެވެ.

މުލާ ސޮއިކުރި ވެންކޫވާއަކީ ވެސްޓާން ކޮންފަރެންސްގެ ދެވަނައިގައި އޮތް ކްލަބެވެ. އެޓީމަށް ބާކީ މި ސީޒަނުގައި އޮތީ 10 މެޗެވެ.

މިދިޔަ 10 އަހަރުގައި ޓޮޓެންހަމްއަށް ކުޅުނު ދެކުނު ކޮރެއާގެ ފޯވަޑް ސޮން، 33، ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރަށް ނަމަވެސް، އޭނާ ވަނީ އެ ކްލަބު ދޫކޮށްލައިފައެވެ.

އެމެރިކާ ލީގުގެ އެންމެ އަގުބޮޑު ޓްރާންސްފާގައި ސޮން، ލޮސް އެންޖެލެސް އެފްސީއާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއީ 20 މިލިއަން ޕައުންޑްގެ އަގަކަށެވެ. މީގެ ކުރިން އެމެރިކާ ލީގަށް ގެންދިޔަ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ އެމެނުއަލް ލާޓޭ ލާތެވެ. އެޓަލާންޓާއަށް އޭނާ ގެންދިޔައީ 16.5 މިލިއަން ޕައުންޑަށެވެ.

ސޮން، އެ ކްލަބާ ގުޅުމަށްފަހު ބުނީ އެލްއޭ އެފްސީއަކީ ފުރަތަމަ ޗޮއިސް ނޫން ނަމަވެސް، އެ ކްލަބުގެ ރައީސާ ވާހަކަ ދެއްކި ހިސާބުން ހިތް ދެވުނު ކަމަށެވެ.

ސޮން، 2015 ވަނަ އަހަރު ބަޔާން ލެވަކޫސަންއިން ޓޮޓެންހަމްއާ ގުޅިފައިވާ އިރު، އެ ކްލަބުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ތަށްޓެއް ލިބުނީ މިދިޔަ ސީޒަނުގައި އެކަންޏެވެ. ޓޮޓެންހަމްއިން 17 އަހަރަށްފަހު ސޮންއާއެކު ހޯދި ފުރަތަމަ ތަށްޓަކީ ޔޫރޮޕާ ލީގު ތަށްޓެވެ.