އެމްޑީޕީގެ ކޮންގްރެސް، އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށްފަހު ބާއްވާގޮތަށް އެ ޕާޓީން އެ ކޮންގްރެސް ފަސްކޮށްފިއެވެ.
މިއަހަރުގެ އޭޕްރީލް މަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ، މިމަހުގެ 15 ގައި ކޮންގްރެސްއެއް ބޭއްވުމަށް ނިންމައިފައެވެ. އަދި އޭރު އެ ކޮންގްރެސްގެ އިންތިޒާމުތަކަށް ކޮމިޓީއެއް ވެސް އެކުލަވައިލިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި، ކޮންގްރެސްގެ އިންތިޒާމުތަކަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓެއް ވަނީ ހިއްސާކޮށްފައެވެ. އެ ރިޕޯޓުގައި ކޮމިޓީން ލަފާ ދީފައިވަނީ ކޮންގްރެސް ބޭއްވުމަށް ހިނގާނެ ހަރަދުތަކަށް ފައިސާ ހޯދުމަށްފަހު ކޮންގްރެސް ބޭއްވުމަށެވެ.
އެކަމާ މެދު މަޝްވަރާކުރުމަށްފަހު، ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް (ސައްލެ) ހުށަހެޅުއްވީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށްފަހު، އަހަރުގެ މެދުތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ.
ގައުމީ މަޖިލިސް ބައްދަލުވުމުގައި މިރޭ ބައިވެރިވި 48 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއީދާއެކު ސައްލެގެ އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަދައްކާފައިވަނީ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭގޮތުންނެވެ. ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލުތަކަށް ދީފައިވާ ބައެއް މާލީ ބާރުވެރިކަން ސަރުކާރަށް ނެގުމުގެ ގޮތުން، ލާމަރުކަޒީ ގާނޫނަށް ގެންނަ އެ އިސްލާހާ ގުޅިގެން، އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކައިފައެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ