ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ނުވަތަ ވާނުވާގައި ތިބި މީހުން އިލެކްޓްރޯނިކް މޮނިޓަރިން ޓެގު އެޅުވުމަށްފަހު، ބަންދުން ލުއި ދިނުމުގެ މަސައްކަތުގެ ދަށުން ލުޔަށް އެދި 253 މީހަކު މިހާތަނަށް އެދިފައިވާ ކަމަށާއި އޭގެ ތެރެއިން ޓެގް އަޅުވާފައި މިހާތަނަށް ދޫކޮށްފައިވާނީ ދިހަ މީހަކު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާ ކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހު ވަނީ އެދިފައެވެ.
ރައީސް ވަނީ ބަންޑާރަ ނައިބާއި ޕީޖީ އޮފީހާއެކު މަޝްވަރާ ކުރައްވައި އެކަން ކުރެވިދާނެތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަޝްވަރާތަކަށްފަހު އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު ދޫކޮށްލުމުގެ މަސައްކަތް މިއަހަރުގެ މެއި 28 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ފަށައިފައެވެ. އެގޮތުން ޓެގް އެޅުވުމަށްފަހު ފުރަތަމަ ދޫކޮށްލާފައިވަނީ ދެ މީހެކެވެ.
އޭގެފަހުން މިއަހަރުގެ ޖޫން 11 ވަނަ ދުވަހު ޕީޖީ އޮފީހުން ބުނެފައިވަނީ، ބަންދުން ލުއި ދިނުމުގެ މަސައްކަތުގެ ދަށުން ލުޔަށް އެދުނު 121 މީހުންގެ ތެރެއިން އެހާތަނަށް ނުވަ މީހަކު ޓެގް އަޅުވާފައި ދޫކޮށްފައިވާނެ ކަމަށެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން"އަށް ވިދާޅުވީ ބަންދުން ލުއި ދިނުމުގެ މަސައްކަތުގެ ދަށުން ލުޔަށް އެދި ލިބިފައިވަނީ 252 ފޯމު ކަމަށާއި ޓެގު އަޅުވާފައި ދޫކޮށްފައިވަނީ 10 މީހެއް ކަމަށެވެ.
"އޭގެ ތެރޭގައި މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލަތަކުގައި ހިމެނޭ ހަތް މީހަކު، ދެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ ތިން މީހަކު ހިމެނޭ. ބައިވެރިވުމޭ މި ދެންނެވީ ސީދާ މާރާމާރީގައި ބައިވެރިނުވާ މީހުން ހިމެނެނީ ދޫކޮށްފައި ތިބި މީހުންގެ ތެރޭގައި،" އޭނާ ވިދާޅުވިއެވެ.
ޝަފީއު އިތުރަށް ވިދާޅުވީ ލިބުނު ފޯމުތަކުގެ ތެރެއިން ނުވަ ފޯމެއް ފިޔަވައި ހުރިހާ ފޯމަކާ ގުޅިގެން ހަދަންޖެހޭ ހުރިހާ އެސެސްމަންޓު ހެދުމަށް ފުލުހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި މިހާތަނަށް 149 އެސެސްމަންޓު ޕެންޑިންގައި އެބަހުރި ކަމަށާއި 83 މީހަކު އެސެސްމަންޓަށްފަހު ބަންދުން ދޫނުކުރަން ނިންމާފައިވާ ކަމަށެވެ.
"މާލޭގައި ގޭގައި ބަންދުކޮށްފައިވާނީ، ފައިގައި ޓެގު އަލުވާފައި އިންނާނީ. ގެއިން ނުކުމެއްޖެއްޔާ ފުލުހުންނަށް އެލާޓުވާނެ އެގޮތަށް މޮނީޓާ ކުރެވެމުންދާނީ. 100 ދުވަހަށް ދޫކޮށްލާފައި އަނެއްކާވެސް 100 ދުވަސް ހަމަވީމަ މުރާޖައާކުރާނީ. މުރާޖައާކޮށްފައި އަލުން ބަންދަށް ގެންދަންޖެހެންޏާ އަލުން ބަންދަށް ގެންދާނީ، ނޫނިއްޔާ އަލުން މުއްދަތު އިތުރުކުރާނީ،" ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ އެ މަސައްކަތަކީ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ކަމަކަށްވުމުން ޕީޖީ އޮފީހަށް ފުލުހުންގެ ފަރާތުން ލިބޭ އެސެސްމަންޓުތައް މުރާޖައާކުރުމަށްފަހު، އެސެސްމަންޓު ފައިނަލްވާނީ ޖަލުގައި އެމީހުން އުޅޭގޮތް ކަރެކްޝަންސް މެދުވެރިކޮށް ސާފުކުރުމަށްފަހުގައި ކަމަށެވެ. އަދި އެކަމަށް ވަގުތުކޮޅެއް ހޭދަވީ ނަމަވެސް، އެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީގެ އޮފީހުން މިއަހަރުގެ މެއި މަހުގެ 29 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުވެ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން، ނުވަތަ ވާނުވާގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.
ޓެގު އެޅުވުމަށްފަހުވެސް ބަންދަށް ލުއި ދޭނީ އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމަށާއި އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
"އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައެއް ނުވެއެވެ،" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށްގެންނެވެ. އެ އެސެސްމަންޓުތައް ލިބެމުން އަންނަ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީގެ އޮފީހުން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް