ޓެކުހާ ބެހޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެރި ބާރުތަކެއްދޭން، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލް މަޖިލީހަށް ބަލައިގަތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
ގާނޫނަށް މި އިސްލާހުތައް ގެނައުމުގެ މަގުސަދެއް ކަމަށް ބިލުގައި ބުނެފައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމެވެ. އަދި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތްތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހު ކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒު ކުރުން ހަރުދަނާ ކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބޭ ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ އިހްތިޔާރު ބަނޑާރަނައިބުގެ ބަދަލުގައި ދީފައި ވަނީ މީރާއަށެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް މި ބިލުން ވަނީ މީރާ އަށް ދީފައެވެ.
އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވެސް ވަނީ ހުށަހަޅައިފައެވެ.
މީރާގައި އޮންނަ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެތަނުން ފޮނުވާ ނޯޓިހެއް ނުވަތަ ލިޔުމެއް އެ ލިއުން ފޮނުވާ ތާރީހުން ފެށިގެން، އެ ފަރާތަށް ލިއުން ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅަން ވެސް ބިލްގައި ހިމަނާފައިވެއެވެ.
މި ބިލުގައި ޓެކުހާ ގުޅޭ އާ ކުށްތަކެއް ގާނޫނުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.
އެ ގޮތުން ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމަނަން ހުއްދަ ދިނުމާއި އޭގައި ހިމަނަންޖެހޭ މައުލޫމާތެއް ނުހިމަނަން ހުއްދަ ދިނުމާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުން ހުއްދަ ކުރުމަކީ ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ. ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުމަށް ހުއްދަ ކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.
ބިލްގައި މި ކުށްތައް ހިމަނާފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ގޮތުގައެވެ.
ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަ ތިން މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ ކުށް، މި ބިލުގައިވަނީ ތިންމަސް ދުވަހާއި ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފައެވެ.
ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށުގެ ބަޔަށް މި ބިލުން ބަދަލު ގެނަސްފައިވާ އިރު، ޓެކްސް ބަޔާނާއި ބަޔާނާއެކީ ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކުހާ ގުޅޭގޮތުން ހުށަހަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުމަކީ ކުށެއް ކަމަށް ވެސް ވަނީ ހިމަނައިފައެވެ.
ބިލުގައިވާގޮތުން މި ގާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނާ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުމަކީ ވެސް ކުށެކެވެ.
މިހާރު ގާނޫގައި އޮންނަނީ، ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާ މެދު ގާނޫނުން ހުއްދަކުރާ ފިޔަވަޅެއް އެޅޭނީ އެ ކުށްކުރި ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަސް ވުމުންނެވެ.
ނަމަވެސް އެގޮތް ބަދަލުކޮށް، މިހާރު ހުށަހަޅާފައިވާ ބިލްގައި، ޓެކްސް ބަޔާނުގެ އިތުރުން ޓެކްސް ބަޔާނާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓްރީ ނުކުރުމާއި ޓެކްސް ދައްކަންޖެހޭ ފަރާތުން، ދައްކަންޖެހޭ ދުވަހަށް ޓެކްސް ނުދެއްކުން ފަދަ ކަމެއް ކޮށްފިނަމަ، ފިޔަވަޅު އެޅުމަށް ގާނޫނުގައި މިހާރު އޮންނަ ދެ އަހަރު ދުވަހުގެ މުއްދަތުން އިސްތިސްނާވެއެެވެ.
މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ވެސް ބިލްގައިވަނީ ހިމަނައިފައެވެ.
ސިއްރު ކުރަންޖެހޭ ޓެކްސްގެ މައުލޫމާތު ސިއްރުކުރުން ހަރުދަނާކުރުމަށް ގެނަސްފައިވާ ބަދަލެއްގެގޮތުން ބިލުގައި ވަނީ، ޓެކްސް އިދާރާ "މީރާ"ގެ މުވައްޒަފަކު ހާމަކުރާ މައުލޫމާތުގެ ސިއްރުކަން ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ