ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުގައި ގޯޅި ސްޕޯޓްސްއިން އައިލެންޑް ޔޫތު ޔުނައިޓެޑް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

އިއްޔެ ހަވީރު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދެޓީމުންވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗެވެ. މެޗަށް ނުކުތް އިރު، ދެޓީމުވެސް އޮތީ ފުރަތަމަ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފައެވެ.

އެގޮތުން އައިލެންޑް ޔޫތު ޔުނައިޓެޑުން ފުރަތަމަ މެޗުގައި ކިއުއެމް ސްޕޯޓްސް ބަލިކޮށްފައިވާ އިރު، ގޯޅިން އޮތީ ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް (ޑައިސް) ކައިރިން މޮޅުވެފައެވެ.

އިއްޔެ ގޯޅިން 6-0 ގެ ނަތީޖާއަކުން އައިލެންޑް ޔޫތު ޔުނައިޓެޑް ބަލިކުރި އިރު، އެ މޮޅާއެކު ގޯޅިއަށް ވަނީ ދެމެޗުން ހަ ޕޮޮއިންޓް ލިބިފައެވެ. އެޓީމަށް ދެން ބާކީ އޮތީ ކިއުއެމްއާ ދެކޮޅަށް އޮތް މެޗެވެ.

އެ ގްރޫޕުން ދެން ސެމީއަށް ދާ ޓީމު ކަށަވަރު ވާނީ ޑައިސްއާއި އައިލެންޑް ޔޫތު ޔުނައިޓެޑް ވާދަކުރާ މެޗުންނެވެ.

އިއްޔެގެ މެޗުގައި ގޯޅިއަށް ކުޅެމުންދާ ގައުމީ ޓީމުގެ ފޯވަޑް، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހެޓްރިކް ހެދި އިރު، އަހުމަދު ރިޒުވާން (ރިޒޭ) ދެ ގޯލު ޖެހިއެވެ. ރިޒޭއަކީވެސް ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ގޯޅީގެ އަނެއް ގޯލު، އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މެޗުގައި މޮޅަށް ކުޅުނު އަބްދުﷲ ޖުނައިދު (ޖޭއްނެ) އެވެ.

މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.

ގްރޫޕް ސްޓޭޖުގެ އިތުރު މެޗެއް މިއަދު އޮންނަ އިރު، ގްރޫޕް ބީގެ އެމެޗުގައި މަތިމަރަދޫ ޔޫތު ނުކުންނާނީ މާހިންނަ ޔުނައިޓެޑާ ދެކޮޅަށެވެ.