ސްރީލަންކާއިން ދިވެހީންނަށް އެއް އަހަރުދުވަހަށް މެޑިކަލް ވިސާ އާއި ސްޕައުސް ވިސާ ދޭން ފަށައިފިއެވެ.

އޭގެ ތެރެއިން ސްޕައުސް ވިސާ ދޫކުރަނީ ސްރީލަންކާގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށެވެ. އަދި މެޑިކަލް ވިސާ ދޫކުރަނީ ބޭސްފަރުވާއަށް ލަންކާއަށް ދަތުރުކުރާ މީހުންނަށެވެ.

ލަންކާއިން އެއް އަހަރުދުވަހަށް މެޑިކަލް ވިސާ އާއި ސްޕައުސް ވިސާ ދޭން ނިންމާފައިވާކަން ފުރަތަމަ ފާހަގަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިދިޔަ މަހުގެ 28 ގައި ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރާއްޖެ އާއި ލަންކާގެ ރަސްމީ ބައްދަލުވުންތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ރައީސް މުއިއްޒު ވަނީ އެ ނިންމުމަށް ޝުކުރު ދަންނަވައިފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، އެ ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ދެކޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަދި ވަކިން ހާއްސަކޮށް ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން ބުނީ ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، އެކަމަށް ސަމާލުވުމަށް ލަންކާ ސަރުކާރުން އިލްތިމާސްކުރާ ކަމަށެވެ.

އެހެންކަމުން ލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިން އެ މުހިންމު ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.