ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކަށް، ޕެންޝަން ފަންޑު މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭ ގޮތް ހަދަން މަސައްކަތްކުރާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން ކަނޑައަޅާފައިވާ ގޮތުން، ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ.

އެސްއެސްޓީވީގެ "ބާރު ހަރަތެއް" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޕެންޝަން އެޑްމިނިސްޓްރޭޝަންއާ ބައްދަލުވުމެއް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

"މީގެ ބޭނުމަކީ ޕެންޝަން ހުންނަވާ ބޭފުޅުން އެބޭފުޅުންގެ ޕެންޝަން ފަންޑު މެދުވެރިކޮށް ޑިޕޮސިޓް ދެއްކޭނެ ގޮތެއް މެދުވެރިކޮށް މަގުފަހިކުރަން،" އޭނާ ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ޑިޕޮސިޓް ފައިސާ ދައްކަން ވަކި މުއްދަތެއް ނޯންނާނެ ކަމަށާއި އެމީހަކަށް ދެއްކުނު ދުވަހަކުން ޑިޕޮސިޓް ފައިސާ ދެއްކުމުން ފުލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. އަދި މިހާރުން މިހާރަށް ޑިޕޮސިޓް ފައިސާ ދެއްކިޔަސް، ކަރަންޓާއި ފެނުގެ މަސައްކަތްތައް ފުރިހަމަވެފައި ނެތުމުން ދިރިއުޅުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފްޑީސީން ހުއްދަ ދޫނުކުރަނީސް މޫވް އިން އެއް ނުކުރެވޭނެ. އެމްޑަބްލިޔުއެސްސީގެ މަސައްކަތްތައް ނުނިމެނީސް. އެކަމަކު ރާވާލާފައި އޮތީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ހުރިހާ މަސައްކަތްތައްވެސް އެކީ އެކައްޗަކަށް ނިންމާލަން. އެހެންވީމަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ފައިސާ އެފްޑީސީއަށް ދައްކާ ފަރާތްތަކަށް އެހާ ހިސާބުން މޫވް އިން ކުރެވޭނެ،" ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ އެހާ ހިސާބަށް ވެސް ޑިޕޮސިޓް ފައިސާ ނުދެއްކޭ ފަރާތްތަކަށް ޕެންޝަން ސްކީމު މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަަމަޖެހޭގޮތް މެދުވެރިކޮށްދެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޑިޕޮސިޓް ފައިސާ ނުދެއްކުނު ކަމުގައިވީ ނަމަވެސް، ފްލެޓު އެގްރީމަންޓުގައި ސޮއިކުރުމަށްފަހު އިތުރު ފަރާތަކަށް ފުލެޓު ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މަހު ކުއްޔާއި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ އަދި މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް:

ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް (މި ފައިސާއަކީ އެއްފަހަރު ދައްކަންޖެހޭ އަދަދެއް)

ދެ ކޮޓަރީގެ އެޕާޓްމަންޓް: 15،000 ރުފިޔާ

ތިން ކޮޓަރީގެ އެޕާޓްމަންޓް: 25،000 ރުފިޔާ

ކޮންމެ މަހަކަށް ޖެހޭ ކުލި:

ދެ ކޮޓަރީގެ އެޕާޓްމަންޓް: 7,000 ރުފިޔާ

ތިން ކޮޓަރީގެ އެޕާޓްމަންޓް: 9,000 ރުފިޔާ

މެއިންޓެނަންސް ފީ:

ދެ ކޮޓަރީގެ އެޕާޓްމަންޓް: 1,000 ރުފިޔާ

ތިން ކޮޓަރީގެ އެޕާޓްމަންޓް: 1,500 ރުފިޔާ

މަހު ކުއްޔާއި މެއިންޓެނަންސް ފީއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ:

ދެ ކޮޓަރީގެ އެޕާޓްމަންޓް: 8,000 ރުފިޔާ

ތިން ކޮޓަރީގެ އެޕާޓްމަންޓް: 10,500 ރުފިޔާ