ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ހައުސިން ޔުނިޓުތަކުގެ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފުވެގެން މިމަހުގެ 5 ގެ ނިޔަލަށް ޖުމުލަ 92 މައްސަލައެއް ރެކޯޑުކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީން އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ހުއްދަނެތި ޔުނިޓުތަކަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. އެފަދަ 44 މައްސަލައެއް ފާހަގަކުރެވިފައިވާ އިރު، އޭގެ ތެރެއިން 14 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެއް ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވާފައިވާ އިރު، ހުއްދަނެތި ބަދަލު ގެނައުމުގެ 29 މައްސަލައެއް އެ ކޯޕަރޭޝަނުން ދަނީ ބަލަމުންނެވެ.

މީގެ އިތުރުން، ހުއްދަނެތި ޔުނިޓުތައް ކުއްޔަށް ދޫކުރި 18 މައްސަލައެއް ފާހަގަކުރެވިގެން ހަތް ފަރާތެއް ޖޫރިމަނާކޮށް، ދެ ފަރާތަކަށް ވަނީ އިންޒާރުގެ ނޯޓިސް ދީފައެވެ. އަދި ނުވަ މައްސަލައެއް މިވަގުތު ދަނީ ބަލަމުންނެވެ. އާންމު ތަންތަނަށް ގެއްލުންދިނުމުގެ 16 މައްސަލައެއް ފާހަގަކުރެވިގެން ފަސް ފަރާތަކަށް އިންޒާރުދެވިފައިވާ އިރު، 11 މައްސަލައެއް ދަނީ ބަލަމުންނެވެ.

ހަމައެއާއެކު، އެންގުންތަކަށް އަމަލުނުކުރާ 10 މައްސަލައެއްގެ ތެރެއިން އެއް ފަރާތަކަށް އިންޒާރުދެވި، ނުވަ މައްސަލައެއް މިހާރު ދަނީ ބަލަމުންނެވެ. އަދި ކުނި އެޅުމުގެ ގަވާއިދާ ހިލާފުވި ހަތަރު މައްސަލައިގެ ތެރެއިން ދެ ފަރާތެއް ޖޫރިމަނާކޮށް، ބާކީ ދެ މައްސަލަ ބެލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ޔުނިޓުތަކުގެ ކުލި ދެއްކުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 4 ގެ ނިޔަލަށް ޖުމުލަ 3،432 ހައުސިން ޔުނިޓުން ދަނީ ގަވާއިދުން ކުލި ދައްކަމުންނެވެ. މިއީ އޭގެ ކުރީ މުއްދަތުގައި ކުލި ދައްކަމުންދިޔަ 3،362 ޔުނިޓާ އަޅައިބަލާއިރު 12.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، ފައިސާ ނުދައްކައި ހުރި ޔުނިޓުތަކުގެ އަދަދު ވަނީ 564 ޔުނިޓުން 495 ޔުނިޓަށް ދަށްކުރެވިފައެވެ.

އެފްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ އެންމެހާ ރައްޔިތުންނަށް އަމާން، ރައްކާތެރި އަދި އުފާވެރި ދިރިއުޅުމުގެ މާހައުލެއް ކަށަވަރުކޮށްދިނުން ކަމަށެވެ. ވީމާ، މުޖުތަމައުގެ އާންމު މަސްލަހަތާއި ހަމަޖެހުން ދެމެހެއްޓުމަށާއި، އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.