މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމުގެ މަގުފަހިކޮށްދީ ބާރު ދިނުމަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގްއެވެ.

އެ އިސްލާހުގެ ދަށުން ޕޭމަންޓު ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓު ހިދުމަތްތައް ދިނުމުގެ ބޭނުންނަށް ކުންފުންޏާއި އެނޫން ވެސް ގާނުނީ ޝަހުސުތައް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބިދީ، ޕޭމަންޓު ހިދުމަތްތައް ސޮލިސިޓް ކުރުން މަނާކޮށް އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމަނަން ވަނީ ހިމަނައިފައެވެ.

މި އިސްލާހުގެ ދަށުން އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އުފެއްދުމުގެ ބާރު ލިބޭނެއެވެ. ނުވަތަ އެފަދައިން އުފައްދާފައިވާ ކުންފުންޏެއްގެ ނުވަތަ ޖޮއިންޓްވެންޗާއެއްގެ ހިއްސާދާރާކަށް ނުވަތަ ޕާޓްނާޝިޕެއްގެ ބައިވެރިއަކަށް ވެވިދާނެއެވެ.

އެ އިސްލާހުގައި އިތުރަށް ހިމަނާފައިވާ ކަންކަން:

  • ބެންކުތަކާއި ލައިސެންސް ނެތި ނުވަތަ ހުއްދަނެތި އާންމު އުސޫލުން ދެވޭނެ ޕޭމަންޓު ހިދުމަތް ފިޔަވައި އެހެން ފަރާތްތަކުން ރާއްޖޭގައި ނުވަތަ އެހެން ތަނެއްގައި އެ ފަރާތެއް އަމިއްލައަށް ނުވަތަ ރާއްޖޭގެ އެހެން ތަނެއްގައިވާ ފަރާތެއް މެދުވެރިކޮށް ޕޭމަންޓު ހިދުމަތެއް ސޮލިސިޓް ނުކުރެވޭނެ ކަމަށް
  • ރާއްޖޭގައި ޕޭމަންޓު ސިސްޓަމެއް ނުވަތަ ހިންގާ އެއްވެސް ފަރާތަކުން ރާއްޖޭން ބޭރުގެ ފަރާތެއްގެ ފަރާތުން ޕޭމަންޓު ހިދުމަތެއް ސޮލިސިޓް ނުކުރެވޭނެ ކަމަށް
  • މިިއިން ކަމެއް ކޮށްފިނަމަ، އެފަރާތެއް އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެމްއޭއަށް ވަނީ ދީފައި
  • ޕޭމަންޓު ހިދުމަތެއް ސޮލިސިޓް ކުރުން ކަމުގައި ބެލެވޭނެ ވަކިވަކި ކަންކަން ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭ

މި އިސްލާހަށް އަމަލުކުރަން ފަށަން ހުށަހަޅާފައިވަނީ ގާނޫނު ފާސްވެ، ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް ރާއްޖެއިން ބޭރުގެ ޕޭމަންޓް މެތަޑުތައް ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ވަނީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ ސިޓީގެ ޖަވާބުގައި އެމްއެމްއޭއިން އެ ކޮމިޓީއަށް ފޮނުވި ޖަވާބު ސިޓީގައި ބުނީ ރާއްޖޭގައި ޕޭމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް އެމްއެމްއޭއިން ކުރަމުންދާ ކަމަށެވެ.

އެމްއެމްއޭއިން ބުނީ އެ އިދާރާއިން ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި "ފަވަރަ" ތައާރަފުކޮށްފައި ކަމަށެވެ. އަދި މިހާރު އެމްއެމްއޭއިން ދަނީ "ޕޭމެންޓް މޯލްޑިވްސް" ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ ކުންފުނީގެ މަގުސަދަކީ ވެސް ރާއްޖޭގައި ޕޭމަންޓް މެތަޑުގެ ކަންކަން ހަރުދަނާކޮށް ރަނގަޅު ކުރުން ކަމަށެވެ.

"ޕޭމަންޓް މޯލްޑިވްސް" ހިންގާނީ ވަކި މެނޭޖުމެންޓެއްގެ ދަށުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އެ ކުންފުނި ހިންގުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ ވެސް މުޅިން ވަކިން ކަމަށް ވެސް އޭރު ވަނީ ބުނެފައެވެ.

ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލަން މިދިޔަ މަހުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.