ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗު، މަތިމަރަދޫ ޔޫތުން ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދެޓީމުންވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗެވެ. އިއްޔެގެ މެޗުގައި މަތިމަރަދޫ ޔޫތުން މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި މަތިމަރަދޫ ޔޫތުން ދެ ގޯލު ޖެހިއެވެ. އެޓީމުގެ ފުރަތަމަ ގޯލު ޖެހީ ދާދިފަހުން ގައުމީ ޓީމުގެ ޕްލިމިނަރީ ސްކޮޑަށް ނެގި، އޮޑި ސްޕޯޓްސް ކްލަބުގެ މުޒްދާން ހަސަނެވެ.
އޭގެފަހުން އަލީ ނާސިހު، މަތިމަރަދޫ ޔޫތަށް ލީޑު ފުޅާކޮށްދިން އިރު، ދެވަނަ ހާފުގައި އެޓީމުގެ ގޯލު ޖެހީ މުހައްމަދު ޖޫދު އަޝްފާގެވެ. ގައުމީ ޒުވާން ޓީމުން ފާހަގަކޮށްލެވޭ ޖޫދު ޖެހި ގޯލަކީ ކޯނަރެއް، ސީދާ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.
މެޗުގައި މުންޑޫގެ ހަމައެކަނި ގޯލު ޖެހީ އާދަމް ޝަމީމް (އާނަ) އެވެ.
ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ދެ ގްރޫޕަކަށް ކުރިއަށްދާ އިރު، ގްރޫޕް ބީގައި ހިމެނެނީ ޖުމުލަ ތިން ޓީމެވެ. އެއީ މިއަދު ކުޅުނު ދެ ޓީމުގެ އިތުރުން މާހިންނަ ޔުނައިޓެޑެވެ.
ގްރޫޕް އޭގައި އައިވައިޔޫއާއި ކިއުއެމްގެ އިތުރުން ދެން ހިމެނެނީ ޑައިސް އަދި ގޯޅި ސްޕޯޓްސް ކްލަބެވެ. މިއަދު އޮންނާނީ ޑައިސްއާއި ކިއުއެމް ވާދަކުރާ މެޗެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް