ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަބްދުލްގަނީގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިދިޔަ މަހުގެ 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
"ވަން"އަށް އެނގިފައިވާގޮތުގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އަބްދުލްގަނީގެ ނަން، ރައީސް މަޖިލީހަށް ފޮނުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދީފައިވާ ލަފަޔާ އެއްގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވެސް ވަނީ އެ މައްސަލަ ހިމަނައިފައެވެ. އެޖެންޑާގައި އޮތީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސް ފޮނުއްވި ނަންފުޅު، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވައިލި ފުރުސަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް ހަމަވި އިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ތިން ފަރާތަކުންނެވެ. އެއީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.
އެ ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެ ވަނީ އިންޓަވިއުކޮށްފައެވެ. 'ވަން'އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ އަބްދުލްގަނީ އަށެވެ.
ގަނީ މިވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. އޭނާ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2020 ގެ ނިޔަލަށް މެދުކެނޑުމެއްނެތި ފަނޑިޔާރުކަން އަދާކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ މަދަނީ ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް