ހައިކޯޓުގެ ފަނޑިޔާރުކަމަށް ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރައްވައިފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ދެ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އަބްދުﷲ ޖަމީލް މޫސާއަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އިރު، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 އިން 2009ގެ ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ވަނަ އަހަރުގެ ފެބްރުވަރީ އެކަކުން 2019ގެ ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އޭނާ ވަނީ އަދާކުރައްވައިފައެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަބްދުﷲ ޖަމީލް މޫސާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވައިފައެވެ.

3 އޯގަސްޓް 2025، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރުކަމުގެ ހުވާކުރެއްވުން -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އަބްދުﷲ ޖަމީލް މޫސާގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ވެސް މިރޭގެ ރަސްމިއްޔާތުގައި ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށް ކުރިން ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންނަވަން ހުށަހަޅުއްވައިފައެވެ.

ޝަހީދު، ނަން އަނބުރާ ގެންނަވަން ބޭނުންވާ ކަމަށް ވިދާޅުވެ ޖޭއެސްސީީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާއަކީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އޭނާއަކީ ފާއިތުވި ފަސް އަހަރު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.

ނަމަވެސް އޭނާއަކީ އެ މަގާމަށް ޝަރުތު ހަމަނުވާ ބޭފުޅެއްކަން ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެގޮތަށް އޭނާ އެ މަގާމަށް ޝަރުތު ހަމުނުވާ ކަމަށް އާންމުންގެ މެދުގައި ވިސްނުން އަށަގެންނެވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދިގެންދާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.

"ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ (ނަން އަނބުރާ ގެންނެވުން). އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،" ޝަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ އަމިއްލަ އިސްނެންގެވުމަށް ކަމަށާއި އެކަމުގައި އެެހެން ބައެއްގެ އަތެއް ނުވާނެ ކަމަށެވެ.

އަދި ޝަހީދުއަކީ، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަނުވާ މީހެއްކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

ޝަހީދަކީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023ގެ ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.