ހދ. ކުރިނބީ ބަނދަރު އެއްގަމު ތޮށި (ކުއޭ ވޯލް) ބްލޮކްތައް ހަރުކުރުމުގެ މަސައްކަތުގެ 36 ޕަސެންޓު ނިންމައިފިއެވެ.
ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށި ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން 12 ގައެވެ.
ކުއޭ ވޯލަކީ ކޮންކްރީޓް ނުވަތަ ސްޓީލް އިން ހަދާފައިވާ ރިޓެއިނިން ވޯލްގެ ބާވަތެކެވެ. އެއީ ބަނދަރަކާއި ކޯރެއް ނުވަތަ ކެނަލްއެއްގެ ކައިރީގައި އޮންނަ ބިން ހިފަހައްޓައިދޭ ވަސީލަތެެވެ. ކުއޭ ވޯލް ނުވަތަ އެެއްގަމު ތޮށި ފާރުތައް ހަދަނީ ބިން ހަމައަކަށް އެޅުވުމަށާއި، އުޅަނދުފަހަރަށް ބަލްކުކޮށް މުދާ ބަރުކުރުމަށް ނުވަތަ އަންލޯޑް ކުރުމަށާއި، ބަނދަރުތަކާއި އާބަން އޭރިއާތަކާއި އިންލޭންޑް ވޯޓާވޭތައް ހިންގުމަށެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ސަރުކާރުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ގައެވެ. އަދި ކުރިނބި ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 2023 ވަނަ އަހަރުގެ ޖޫން 4 ގައެވެެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަަސައްކަތްތައް:
- 36،360 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން.
- 365.00 މީޓަރުގެ ބްރޭކްވޯޓާ އެޅުމާއި ރިވެޓްމަންޓް ޖެހުން.
- 393.00 މީޓަރުގެ ދިގު މިނުގައި ކުއޭ ވޯލް ސްޓްރަކްޗާއެއް އެޅުން.
- ބަނދަރު ބައްތި ހަރުކުރުމާއި، ޕޭވް ކުރުން.
ފާތިމަތު ލިއުޝާ
ހދ. ކުރިނބީ