ރަޝިޔާ ދެކެ އައި ރުޅިއެއްގެ ބޮޑުކަމުން ރަޝިޔާއާ ގާތަށް އެމެރިކާގެ ނިއުކުލިއަރ ދެ ސަބްމެރީނެއް ފޮނުވަން އަމުރުކޮށްފީމޭ ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ދާދިފަހުން ބަޔާނެއް ނެރުއްވައިފައެވެ. ޓްރަމްޕު އުޅުއްވަނީ ރަޝިޔާއާއެކު ނިއުކުލިއަރ ހަނގުރާމައެއް ކުރަން ބާވައެވެ. ރަޝިޔާއަކީ މިޒާތަށް އިންޒާރުދީގެން ބިރުގަންނަވައި ސިއްސުވައިލެވިދާނޭ ގައުމެއް ކަމަށް ޓްރަމްޕު ހީފުޅުކުރައްވަނީ ބާވައެވެ. ތިރީގައި މިބަލާލަނީ މި އިންޒާރުގެ ސަބަބާއި ބާވަތާއި މިހިސާބަށް ކަންކަން ފުރޮޅިގެން އައިގޮތުގެ މައްޗަށެވެ. ނިއުކުލިއަރ ސަބްމެރިންތަކެއް ފޮނުވަން އަންގައިފީމޭ ޓްރަމްޕު އެވިދާޅުވީ ކޮން ސަބްމެރީންތަކެއް ކަމެއް ނޭގެއެވެ. ނިއުކުލިއަރ ސަބްމެރީނޭ އެވިދާޅުވީ ނިއުކުލިއަރ ހަކަތައިން ދުއްވާ ސަބްމެރިން ކަމެއް އަދި ނިއުކުލިއަރ މިސައިލް އުފުލާ ސަބްމެރިން ކަމެއްވެސް ނޭގެއެވެ. އަދި އެ ސަބްމެރިން ފޮނުވާން ނިންމީ ކޮންތާކަށް ކަމެއްވެސް ނޭގެއެވެ.
އެމެރިކާގެ ސަބްމެރީންތައް ހަރަކާތްތެރިވާ ސަރަހައްދުތައް ހާމަކުރުމަކީ އެގައުމުގެ އަސްކަރިއްޔާއިން ކުރާކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައި އޮންނަ ކަމެކެވެ. އެ އުސޫލާ ޚިލާފުވުމަކީ ޓްރަމްޕަކަށްވެސް ހުއްދަކަމެއް ނޫނެވެ. ޔަގީންވާ ކަމަކީ މި އިންޒާރެއް ޓްރަމްޕު ދެއްވުމުގެ މާކުރިންވެސް ރަޝިޔާގެ ވަށަވަށައިގެން އެމެރިކާގެ ސަބްމެރީންތައް ހަރަކާތްތެރިވާ ކަމެވެ. އޭގެތެރެއިން ބައެއް ސަބްމެރީންތަކަކީ ނިއުކުލިއަރ ހަކަތައިން ދުއްވާ ސަބްމެރީންތަކެކެވެ. އަދި ނިއުކުލިއަރ މިސައިލް އުފުލާ ސަބްމެރިން ތަކެކެވެ. އެހެންވީމާ ޓްރަމްޕުގެ މި އިންޒާރަކުން ވަކިކަމެއް އައުގޮތަކަަށް ބަދަލެއް ނުވެއެވެ. މި އިންޒާރަކީ ވައި އިންޒާރެކެވެ. މާޔޫސްވެގެން، ރުޅިގަދަވެގެން، ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން ދީފައިވާ އިންޒާރެއް ކަމަށް ހީކުރެވެއެވެ. ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަ ހުއްޓުވުމަކީ ޓްރަމްޕުގެ ވައުދެކެވެ. އޭނާގެ އިސްނެގުމުގެ މަތިން މަޝްވަރާތަކުގެ ދެތިން ބުރެެއްވެސް ވަނީ ބޭއްވިފައެވެ.
އެކަމަކު ޓްރަމްޕު އެދޭކަހަލަ ގޮތަކަށް ރަޝިޔާއިން އަމަލެއް ނުކުރެއެވެ. ރަޝިޔާއިން އަމަލުކުރަނީ ރަޝިޔާއަށް ފެންނަ ގޮތަކަށެވެ. މިކަމާމެދު ޓްރަމްޕު ވަރަށް ބޮޑަށް މާޔޫސްވެފައި ހުންނަވަނިކޮށް ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެދުވެދެވްގެ ފަރާތުން ޓްރަމްޕުގެ ހައިސިއްޔަތަށް އުނިކަން ލިބޭގޮތަށް ބަޔާންތަކެއް އައުމުން ހުޅުފަޅައިގެން ދިޔައީއެވެ. ވެގެންެއުޅޭ ގޮތަކީ އެއީއެވެ. ރައީސް ޓްރަމްޕާއި ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެދުވެދޭވްއާ ދެމެދު މީސްމީޑިއާގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. މެދުވެދެވްއަކީ ރަޝިޔާގެ ރައީސްކަން 2008 ވަނަ އަހަރުން 2012 އަށް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެފަހުން 2012 އިން 2020 ވަނަ އަހަރާ ހަމަޔަށް އޭނާ ވަނީ ރަޝިޔާގެ ބޮޑުވަޒީރުކަންވެސް ކުރައްވައިފައެވެ. މިހާރު ހުންނެވީ ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ނާއިބުރައީސްގެ މަގާމުގައެވެ. ރައީސް ޕުޓިން ފިޔަވައި ދެން ގައުމުގެ އެންމެ ބާރުގަދަ ސީނިއަރ ލީޑަރަކީ މެދުވެދެވް އެވެ.
ރައީސް ޕުޓިންއާ ޚިލާފަށް މެދުވެދެވްއަކީ ވަރަށް މީސްމީޑިއާއާ ދޯޅު ބޭފުޅެކެވެ. ބަސްގިނަ ޒުވާބުގަދަ ބޭފުޅެކެވެ. ވަރަށް ގިނަގޮތްގޮތުން އެއީ ރަޝިޔާގެ ޓްރަމްޕެވެ. އެހެންވީމާ އެއްކަހަލަ އެއްމިޒާޖެއްގެ ދެމީހުން މުޑިއެރީމާ އަލިފާންކަނި ބުރަނީއެވެ. ދުންއަރަނީއެވެ. މިކަމެއް އެންމެ ފުރަތަމަ ފެށުނީ ރައީސް ޓްރަމްޕު ރަޝިޔާއަށް މުހުލަތެެއް ދެއްވި ހިސާބުންނެވެ. މިވެނި މުއްދަތެއްގެ ތެރޭގައި ޔުކްރޭނުގެ ހަނގުރާމަ ހުއްޓާނުލައިފިނަމަ ދަތިކުރުމަށް އެވެނި މިވެނި ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެ ޓްރަމްޕު ދެއްވި މުހުލަތެކެވެ. މިއާ ވިއްދައިގެން މެދުވެދެވް ވިދާޅުވިއެވެ. އަހަރެމެންނަށް ވަރިހަމައެވެ. ބިރެެއް ނުގަނެއެވެ. ޓްރަމްޕަކީ ވަކި ކާކުހެއްޔެވެ. ތިޔައީ ޓްރަމްޕުގެ ވައި އިންޒާރުތަކުގެ ތެރެއިން އިންޒާރެކެވެ. ޓްރަމްޕުގެ މުހުލަތު އިތުރަށް ކުރުކުރައްވައި އޭނާގެ އިންޒާރު ތަކުރާރު ކުރެއްވުމާ ގުޅިގެން މީސްމީޑިއާއަށް މެދުވެދެވް ދޫކުރެއްވި މެސެޖެއްގައި ވިދާޅުވިއެވެ. އައު ކޮންމެ އިންޒާރަކީ ނިއުކުލިއަރ ހަނގުރާމަޔަކާ ގާތަށް އެޅޭ ފިޔަވަޅެކެވެ.
އަދިވެސް ވިދާޅުވިއެވެ. ހަމައެކަނި ރަޝިޔާއާ ދެކޮޅަކަށް ނޫނެވެ. އަމިއްލަ ރައްޔިތުންނާއި އަމިއްލަ ގައުމާވެސް ދެކޮޅަށް ފަށަން އުޅޭ ހަނގުރާމައެކެވެ. އޭގެ ދެތިން ދުވަސްފަހުން އިންޑިޔާއާ ދެކޮޅަށް ފަންސަވީސް އިންސައްތައިގެ ޓެރިފެއް އިއުލާން ކުރައްވަމުން ޓްރަމްޕު ވިދާޅުވިއެވެ. އިންޑިޔާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާނުލައިފިއްޔާ އިތުރު އަދަބުވެސް ދޭނަމެވެ. ރަޝިޔާ އާއި އިންޑިޔާ އަޑިއަޅައިގެންދާއިރު އެދެގައުމުގެ މަރުވެ ހަރަކާތް ކެނޑިފައިވާ އިގްތިސާދަށް ކޮންމެ ގޮތެއްވިޔަސް މަށަށް ވަރިހަމައެވެ. ޓްރަމްޕުގެ މިވާހަކަޔަށް ރައްދެއް ނުދެއްވައި މެދުވެދެވް އަކަށް ނުހުންނެވުނެވެ. ޚާއްސަކޮށް ރަޝިޔާގެ ޑެޑް އިކޮނޮމީއޭ ވިދާޅުވުމުންނެވެ. އަނެއްދުވަހު މީސްމީޑިއާއަށް ދޫކުރެެއްވި އައު މެސެޖެއްގައި މެދުވެދެވް ވިދާޅުވިއެވެ. މަރުވެފައިވާ ތަކެތީގެ ކަންކަން ހުންނަ ނުހުންނަގޮތް ބަލަން އެކަމާގުޅޭ ފިލްމުތައް ބެލުން ޓްރަމްޕުވެސް ގިނަކުރާން ވެއްޖެއެވެ. ރަޝިޔާގެ "ޑެޑް ހޭންޑް" ގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އިސާހިތަކު ޓްރަމްޕަށް އިހުސާސް ވެދާނެއެވެ.
ރައީސް ޓްރަމްޕު ހުޅުފަޅައިގެން ދިޔައީ މެދުވެދެވް އެ އިޝާރާތް ކުރެއްވި "ޑެޑް ހޭންޑް" ގެ ސަބަބުންނެވެ. އެއީ ކޮން ޑެޑް ހޭންޑެއް ބާވައެވެ. ފިނިހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން އިސްވެ ރަޝިޔާއަށް ނިއުކުލިއަރ ހަމަލައެއްދީ ރަޝިޔާގެ ޒައާމަތުގެ އެންމެން ދުނިޔެއިން ވަކިކުރިޔަސް އޮޓޮމެޓިކް ނިޒާމަކުން އެމެރިކާއަށް ރައްދު ހަމަލަދީ ދުނިޔޭގެ ޗާޓުންވެސް އެމެރިކާ ފޮހެލުމުގެ މެކޭނިޒަމެއް ރަޝިޔާއިން ގާއިމުކޮށްފައި އޮވެއެވެ. އެޔަށް ކިޔަނީ ޑެޑް ހޭންޑް ސިސްޓަމެވެ. ވެރިންނާއި ކޮމާންޑަރުން މަރުވެ ސިގުނަލް ލިބުން ހުއްޓުނީމާ ކަންތައް ގޯސްވީކަމަށް އަމިއްލައަށް ނިންމައި އެމެރިކާއަށް އޮޓޮމެޓިކުން ނިއުކުލިއަރ ހަމަލަތައް އަމާޒުކުރުމަށް ފަރުމާކުރެވިފައިވާ ނިޒާމަކީ އެއީއެވެ. މެދުވެދެވް އެ އިޝާރާތް ކުރެއްވި ޑެޑް ހޭންޑަކީ ކޮން އެއްޗެއްކަން މޭރުންވުމާއެކު ޓްރަމްޕު ވިދާޅުވިއެވެ. މެދުވެދޭވަކީ ފޭލްވެފައިހުރި ކުރީގެ ރައީސެކެވެ. އޭނާ ހީކޮށްގެން އުޅެނީ އެއީ އަދިވެސް ރައީސްކަމުގައެވެ. ހައިސިއްޔަތު އޮޅިފައި ހުރެގެން އެދައްކަނީ ވަރަށް ބިރުވެރި ވާހަކަތަކެކެވެ. އެހެންވީމާ އިތުރަށް ރައްކާތެރިވެ އައު ހަރުފަތަކަށް ދިޔަނުދިނުމުގެ ގޮތުން ރަޝިޔާއާ ގާތަށް ނިއުކުލިއަރ ސަބްމެރީނުގެ ދޭއްޗެއް ފޮނުވުމަށް އަމުރުކޮށްފީމެވެ. އަޅެ ހިތްވަރެއް ހުރިއްޔާ އިތުރުކަމެއް ކޮށްބަލާށެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް