ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނުން ކައުންސިލުތަކަށް ކުލި ނުނެގޭގޮތް ހަދަން ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމައިފިއެވެ.
ލާމަރުކަޒީ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލުތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި، އެ ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލުތަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ނަގާ ފީ ނުވަތަ ކުލި ކަނޑައަޅަން ވާނީ އެ ކައުންސިލު ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތުގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ކައުންސިލުތަކަށް ފީ އާއި ކުލި ނެގޭނެ ދާއިރާތައް ވެސް ގާނޫނުގައި ވަނީ ކަނޑަައަޅައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ކަރަންޓުގެ ހިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
- ފެނާއި ނަރުދަމާގެ ހިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
- މުވާސަލާތީ ހިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
- ކުނި ޖަމާކޮށް ރައްކާތެރި ގޮތުގައި ނައްތާލުމަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
- ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ؛
- އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފީ؛
- ކައުންސިލްގެ ސަރަހައްދުގައި އެއްޗެހި އުފައްދައި ވިއްކުމާއި ވިޔަފާރިއާއި ފިހާރައާއި މާރުކޭޓް ގޮޅީގެ އަހަރީ ފީ؛
- ޑައިވްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ޑައިވްކުރުމުގެ ފީ؛
- ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލި؛
- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށާއި ފިނޮޅާއި ހާހަލާއި ގިރީގެ ކުލި؛
- ގޮއިފާލައްބައާއި ހިންނަ ފަދަ ތަންތަނުގެ ކުލި؛
- ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުލި؛
- ކަނޑަށް ޖައްސާ ބޯޓުފަހަރަށް ކަނޑައެޅިފައިވާ ޕްލެޓްފޯމަށާއި ސަރަހައްދަށް ނެގޭ ކުލި؛
- ބަނދަރު ބޭނުންކުރުމަށް (ފައްތިއާ، މުދާ އަރުވައި ބޭލުން) ނަގާ ކުލި؛
- ނޭޗާ ޕާކުން ލިބޭ ކުލި؛
- މި މާއްދާގައި ބަޔާންކޮށްފައިވާ ފީގެ އިތުރުންވެސް ކައުންސިލުން ދޭ ހިދުމަތަކާ ގުޅިގެން އެ ކައުންސިލުން ކަނޑައަޅާ ފީ
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ބިލުގައި ވަނީ މި މާއްދާއަށް އަށް އަކުރެއް އިތުރުކުރަން ހުށަހަޅައިފައެވެ.
އެ އަކުރުގައި ބުނެފައިވަނީ ރަށު ކައުންސިލުތަކުން ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކާއި، ކައުންސިލް އިމާރާތްތަކާއި މުދަލުގެ ކުލީގެ ވާހަކަ ގާނޫނުގައި އޮތް ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިން ނުވަތަ އިމާރާތްތަކުން ކުއްޔެއް ނުނެގޭނެ ކަމަށެވެ.
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާ އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
މީގެ އިތުރުން ސަރުކާރުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގުއި ދޭންޖެހޭނެ ކަމަށް ގާނޫނުގެ 79 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ގާނޫނުގެ 79 ވަނަ މާއްދާގައި ބުނަނީ، ސަރުކާރުން ކޮންމެ އަހަރަކުމެ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން، ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން 5 ޕަސަންޓާ އެއްވަރުގެ އަދަދެއްގެ ފައިސާ ކައުންސިލްތަކަށް ދޭންޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 ޕަސަންޓަށްށްވާ ފައިސާ ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި މާއްދާއަށް ގެންނަ އިސްލާހުގެ ގޮތުގައި ބިލުގައި ހިމަނާގައިވަނީ، އެ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަށްވާ ފައިސާ އާއި ކަރަންޓުގެ ހިދުމަތާއި ފެނުގެ ހިދުމަތާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސްދުވަހަށްވުރެ ގިނަދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ ފައިސާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގުތިސޯދީ ހަރަކާތްތައް ހިންގުމުގެ އިހުތިޔާރު ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ. އަދި (ށ)ގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައި ހިންގިދާނެ ކަމަށެވެ.
ނަމަވެސް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއްދާއަށް ދެ އަކުރު އިތުރު ކުރަން ވެސް ހުށަހަޅާފައިވާ އިރު، "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ.
އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހިމެނެންޖެހޭ ޝަރުތުތައް:
- އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުން
- އެ މަސައްކަތަކީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
- އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން
މީގައި ހިމެނޭ ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނެސް، ރައީސް ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައިގެން ރަށްރަށުގެ ލޯކަލް ކައުންސިލްތަކުން ހިންގާ ވިޔަފާރިތަކުގެ ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އަދަދު މިލިޔަނަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައަޅަން ގާނޫނު އިސްލާހުކުރަން ވެސް މަޖިލީހަށް ވަނީ ބިލު ފޮނުވައިފައެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންއެވެ.
އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލްތަކުން އުފައްދާ ''ލޯކަލް އޮތޯރިޓީ ކުންފުނި'' ތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާކުރުން ކަމަށެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު