ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ތަހުގީގެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ އެ ރިޕޯޓަކީ ސައްހަކަށް ކަށަވަރު ނުވާ ރިޕޯޓެއް ކަމަށެވެ.
ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރު ކުރި ކަމަށް ބުނާ މި ރިޕޯޓް ސޯޝަލް މީޑިއާގައި ލީކު ވެފައިވަނީ އިއްޔެއެވެ.
އެ ރިޕޯޓު ދޮގުކޮށް "އެކްސް"ގައި ޝުޖާއު ވިދާޅުވީ އެކަމަކީ އޭނާ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑަައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ ކުންފުންޏަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ.
"ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން އަޅުގަނޑަށް ނޭނގެއެވެ. ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީއެވެ. އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ." ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެ ތަހުގީގީ ރިޕޯޓަކީ ޝުޖާއު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒު އަދި އޮފިޝަލް އިވެންޓްގެ ހިއްސާދާރެއް އަދި ޕީއެސްއެމްގެ ބޯޑު މެންބަރު އަހުމަދު އަދުހަމްއާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. ނާފިޒަކީ ޝުޖާއުއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.
އެފްއައިޔޫ އިން ތައްޔާރުކޮށް އަދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތްކޮށްފައިވެއެވެ.
އެ ކުންފުނިތަކަކީ:
- ސްވޯން ފެމިލީ
- ސްޓޯ ޕްރޯސް ޓްރޭޑިން
- ކުއިކް ޝުއާޑީކިއު ހޯލްޑިންސް
އެ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:
- ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރުމަށް
- އޭގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސްއަށް ސިވެކުން ޖަމާކޮށްފައިވޭ
- ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
- ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކޮށްފައިވަނީ ކުންފުނީގެ ހިއްސާދާރުންނަށް ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް ކޮމިޓްމަންޓް ފީގެ ގޮތުގައި
- އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ
- އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗްޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް ދައްކާފައިވޭ
ޝުޖާއު ވިދާޅުވީ މި ސަރުކާރާއި މިދިޔަ ދެ ސަރުކާރުގައި ވެސް ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ހިންގާފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
"ރައީސް ޔާމީން، ރައީސް ސޯލިހް އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބުކަމާއެކު ހިންގާފައެވެ. އަދި މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވީކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެއެވެ،" ޝުޖާއު ވިދާޅުވެފައިވެއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށް ވެސް އަދި ދުވަހަކު ވެސް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ.
"އަދި އެއްވެސް މައްސަލައެއް ބަލަން އޮތްނަމަ ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަންވާނެއެވެ. މިފަދަ ހަގީގަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އަޅުގަނޑު ކުރާ ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމުގައި ދަންނަވަމެވެ."
އިބްރާހިމް ޒަކީ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ