މާލެއިން ފުރައިގެން ތ. ވޭމަންޑުއަށް ދަތުރުކުރަމުންދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި އަޑިއަށް ގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދޯނި ފަރަށް އަރައި އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އެމީހުން މިހާރު އެ އަތޮޅު ފެލިދުއަށް ގެންގޮސްފައިވާ ކަމަށެވެ.

މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ''އަލްމަޖްރާ'' ދޯނިން ދަތުރުކުރި ތިން މީހުން. -- (ފޮޓޯ/ ޕޮލިސް)

ފުލުހުން ބުނީ އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުންނެވެ.

ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް ދޯނިން ދަތުރު ކުރި މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.