އުރީދޫ މޯލްޑިވްސް އިން ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ، ސަބްމެރިން ކޭބަލަކުން ކާމިޔާބުކަމާއެކު ގުޅާލައިފިއެވެ.
އުރީދޫއިން ބުނިގޮތުގައި މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލެވުނު ފުރަތަމަ ފަހަރެވެ.
އުރީދޫއިން ބުނީ މި ސަބްމެރިން ކޭބަލް ހިންގާނީ މާފުށި މެދުވެރިކޮށް ކަމަށާއި ހުޅުމާލޭގައި ހުންނަ އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީއާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުވެގެންދާނެ ކަމަށެވެ.
އެ ކޭބަލް ގުޅާލުން ފާހަގަކުރުމަށް މިއަދު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުނި ކަމަށެވެ.
ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވި، ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫއިން ވެފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް ރިސޯޓަށް ގުޅާލުމަކީ ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ ޑިޖިޓަލް ރާއްޖެއެއް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ހަމާދީ ވިދާޅުވިއެވެ.
ޑުއަލް ރިޑަންޑަންސީ އާއި ޑެޑިކޭޓެޑް ސަބްމެރިން ކޭބަލަކާއި ޕްރައިވެޓް 5ޖީ އަށް ތައްޔާރުވެފައިވާ އަދި އެޑްވާންސް ޓްރީ ޓަވަރެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ ރިސޯޓެއްގެ ހައިސިއްޔަތުން މި ކާމިޔާބީގެ ސަބަބުން ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާއެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނެކްސްޓް ޖެނެރޭޝަންގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާކަންވެސް އުރީދޫން ފާހަގަކުރިއެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެ ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ މި މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ.
"2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އުފެދުނީއްސުރެ، ޑިޖިޓަލް ދަތުރަކުން އެއްވެސް މީހަކު ބާކީ ނުކުރުމަށްޓަކައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި. ކޮންމެ ކުރިއެރުމަކާއެކު، އެމީހުންގެ އަހަންމިއްޔަތުކަން ދެނީ އެކްސެސިބިލިޓީ އާއި އިންކްލޫޝަނަށް. މި ސަބްމެރިން ކޭބަލް ލޭންޑިން އަކީ، ޓޫރިސްޓް ރިޒޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ދިވެހިރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި މި މުހިންމު އިވެންޓް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އެލިވޭޓެޑް ލަގްޒަރީ އަދި ޕާސަނަލައިޒްޑް ސާވިސް ރަމްޒުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް ބަދަލުވަމުންދާ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު ދައުރެއް އަޅުގަނޑުމެންނަށް ވިސްނޭ،" އޭނާ ވިދާޅުވިއެވެ.
އުރީދޫން ބުނީ ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓްގެ ސަބަބުން އެ ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމަށެވެ.
އާއިޝަތު މާހާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް