ލ. ގަމު ޒޯން ސްޓޭޑިއަމްގައި އިއްޔެ ފެށި، ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ގޯޅި ސްޕޯޓްސްއިން ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް (ޑައިސް) ކައިރިން މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދެޓީމުންވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗެވެ. މިއަދުގެ މެޗު ގޯޅި ސްޕޯޓްސްއިން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ހާފު ނިމުނީ ގޯލެއް ނުފެނިއެވެ. ދެޓީމުގެ ފަރާތުންވެސް މެޗުގައި އަވަސް، ޕާސިން ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ހަސަން ފަރީދު ޖެހި ގޯލުން ގޯޅި ލީޑު ނެގިއެވެ.
އެ ގޯލަށްފަހު މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައީ ޑައިސްއިން ނަތީޖާ އެއްވަރުކުރުމުންނެވެ. އަލީ އިރުފާދު އެ ގޯލު ޖެހީ އަރިމަތިން މޫސާ ހާނިމް، ތިން ކުޅުންތެރިން ބީޓްކޮށްފައި ނަގައިދިން ބޯޅައެއްގައެވެ.
މެޗުން ގޯޅި މޮޅުކޮށްދޭން އެންމެ މުހިއްމު ރޯލެއް އަދާކުރީ، އެޓީމަށް ކުޅެމުންދިޔަ ގައުމީ ޓީމުގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ރިޒޭއާއި ފޭދޫ އިއްބެ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ފަހުކޮޅުގައި ކާމިޔާބުކުރި އިރު، އެ ގޯލުތަކުގައި ދެ ކުޅުންތެރިންގެ ގުޅުން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.
ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އައިވައިޔޫއާއި ކިއުއެމްގެ އިތުރުން ދެން ހިމެނެނީ ޑައިސް އަދި ގޯޅި ސްޕޯޓްސް ކްލަބެވެ. އަނެއް ގްރޫޕުގައި ހިމެނެނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއާއި މާހިންނަ ޔުނައިޓެޑް އަދި މަތިމަރަދޫ ޔޫތެވެ.
މާދަމާ ހަވީރު އޮންނާނީ މަތިމަރަދުއާއި މުންޑޫ ވާދަކުރާ މެޗެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް