މިދިޔަ 10 އަހަރުގައި ޓޮޓެންހަމްއަށް ކުޅުނު ދެކުނު ކޮރެއާގެ ފޯވަޑް، ސޮން ހިއުން-މިން، އެ ކްލަބު ދޫކޮށްލާނެ ކަމަށް އިއުލާނު ކޮށްފިއެވެ.
ސޮން، 33، ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރަށެވެ. ސޮން، 2015 ވަނަ އަހަރު ބަޔާން ލެވަކޫސަންއިން ޓޮޓެންހަމްއާ ގުޅިފައިވާ އިރު، އެ ކްލަބުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ތަށްޓެއް ލިބުނީ މިދިޔަ ސީޒަނުގައި އެކަންޏެވެ.
ޓޮޓެންހަމްއިން 17 އަހަރަށްފަހު ސޮންއާއެކު ހޯދި ފުރަތަމަ ތަށްޓަކީ ޔޫރޮޕާ ލީގު ތަށްޓެވެ. ޓޮޓެންހަމްއިން މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ތަށި ހޯދީ މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރި ފައިނަލުން މޮޅު ވެގެންނެވެ.
"އަހަރެން މި ޓްރާންސްފާ ސީޒަނުގައި ޓޮޓެންހަމް ދޫކޮށްލަން ނިންމައިފިން. މިއީ އަހަރެންގެ ފުޓުބޯޅަ ކެރިއަރުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން. މިދިޔަ 10 ވަރަކަށް އަހަރު ދުވަހު އަހަރެން މި ކްލަބުގައި ހޭދަކުރީ ފަހުރުވެރި ދުވަސްތަކެއް. އަހަންނަށް ކުރެވުނު އެންމެ ބުރަކޮށް މަސައްކަތް ކުރިން ކާމިޔާބު ހޯދަން،" ޓޮޓެންހަމްއިން ނިއުކާސަލްއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗަށްފަހު ސޮން ބުންޏެވެ.
ސޮން ވަނީ ޓޮޓެންހަމްއަށް 454 މެޗު ކުޅެދީފައެވެ. އެ މެޗުތަކުގައި ސޮން ވަނީ 173 ގޯލު ޖަހައިފައެވެ. ސޮންއަކީ 2021-22 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާއެވެ.
ސޮން ޓޮޓެންހަމް ދޫކޮށް ދާނީ ކޮން ލީގަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބައެއް ނޫސްތަކުން ބުނީ ސޮން ދާން ވިސްނަނީ އެމެރިކާ ލީގަށް ކަމަށެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ