މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ވިދާޅުވީ އިންޑިއާ ސަރުކާރުން ލިބިފައިވާ ހިލޭ އެހީގެ ދަށުން 12 ފެރީ ބަންނަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި އޮތީ 100 މިލިއަން ރުފިޔާ ލިބިފައި. މި އެހީގެ ދަށުން އަޅުގަނޑުމެން 12 ފެރީ ބަންނާނެ. އޭގެ އިތުރުން ޒޯން 2 ގެ ހަބް ޓާމިނަލްގެ، އުނގޫފާރުގެ ހަބް ޓާމިނަލްގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން،" ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ މޯބަލައިޒޭޝަން މިހާރު ވަނީ ފަށައިފައެވެ. އާރުޓީއެލްގެ 27 ޓާމިނަލް މިހާރު ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ޔާސިރު ވިދާޅުވީ ފެރީ ޓާމިނަލްގެ ތިން ސައިޒެއް އުޅޭނެ ކަމަށެވެ. އެއީ:
- ފެރީ ސްޓޮޕް؛ ކަސްޓަމަރުންނަށް އިށީނދެލައިގެން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަ އެންމެ ކުޑަ ސައިޒުގެ ފެރީ ޓާމިނަލް
- ކަނެކްޓިން ޓާމިނަލް؛ ފެރީ ސްޓޮޕަށްވުރެ ބޮޑުވާނެ، މި ޓާމިނަލް ހަދަނީ އަތޮޅުވެރިކަން ކުރާ ރަށްރަށާއި އެއާޕޯޓު އޮންނަ ރަށްތަކުގައި
- ޒޯން ހަބް؛ މުޅި ޒޯނުގެ އޮޕަރޭޝަންސް ކޮންޓްރޯލުކުރާނީ މި ޓާމިނަލުން، ޒޯން 1 ގެ ޓާމިނަލް ކުޅުދުއްފުށި ސިޓީގައި ނިންމައި މިހާރު ދަނީ ބޭނުންކުރަމުން
އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުުރުމަށް މިހާރުވެސް ހަތަރު ފެރީ ބަންނަމުންދާ ކަމަށާއި އެ ފެރީތައް ބޭނުންކުރާނީ ބެކަޕް ފެރީގެ ގޮތުގައި ކަމަށް ޔާސިރު ވިދާޅުވިއެވެ.
އާރުޓީއެލްގެ ހިދުމަތް އެންމެ ފަހުން ފަށާފައިވަނީ ބ. އަތޮޅުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން މިހާތަނަށް 10 އަތޮޅަކަށް މި ހިދުމަތް އަންނަނީ ދެމުންނެވެ. އެއީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ޅ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ރ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއެވެ.
އާރުޓީއެލް މަޝްރޫއަކީ މުޅިރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން، ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
އާއިޝަތު މާހާ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ