ލިވަޕޫލްގެ އުރުގުއާއީ ފޯވަޑް ޑާވިން ނުނިއޭޒް ހޯދަން ސައުދީ އަރަބިއާގެ އަލް ހިލާލުން އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.

މިވަގުތު ޓްރާންސްފާ މާކެޓުގައި އެންމެ ހަލަބޮލިކޮށް ފެންނަ ލިވަޕޫލުން، އެ ކްލަބުގެ ފޯވަޑް ލައިނަށް މިހާރުވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ލުއިސް ޑިއާޒް ބަޔާން މިއުނިކަށް ފޮނުވާލުމަށްފަހު ހޫގޯ އެކިޓީކޭގެ ސޮއިވެސް ވަނީ ހޯދައިފައެވެ. އަދި ޕްރި ސީޒަނަށް ދަނިކޮށް މަރުވި ޑިއޭގޯ ޖޮޓާވެސް ނެތުމާއެކު އިތުރަށް ފޯވަޑެއް ހޯދަން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެގޮތުން، އިއްޔެ އެ ކްލަބުން ވަނީ ނިއުކާސަލްގެ އެލެކްސެންޑާ އިސާކް ހޯދަން 100 މިލިއަން ޕައުންޑަށްވުރެ ބޮޑު ބިޑެއް ކޮށްފައެވެ. އެ ބިޑަށް ނިއުކާސަލްއިން ނޫނެކޭ ބުނެފައިވާ އިރު، ލިވަޕޫލުން ފޮނުވާލަން މަސައްކަތް ކުރާ އެއް ކުޅުންތެެރިއެއްގެ ގޮތުގައި މީޑިއާއިން ފާހަގަކުރީ ނުނިއޭޒެވެ.

ނުނިއޭޒް، 2022 ވަނަ އަހަރު ލިވަޕޫލާ ގުޅުނުފަހުން 95 މެޗު ކުޅުނު އިރު، އޭނާއަށް އަދި ޖެހުނީ 25 ގޯލެވެ. ގިނަ ފުރުސަތުތަކެއް ބޭކާރު ކުރާ ފޯވަޑެއްގެ ގޮތުގައި ނޫސްތަކުން ލޭބަލް ކޮށްފައިވާ ނުނިއޭޒަށް މިދިޔަ ސީޒަންވެސް ދިޔައީ ދަށް ކޮށެވެ. އޭނާ މިދިޔަ ސީޒަނުގައި ކުޅުނު 47 މެޗުގައި ޖެހުނީ އެންމެ ހަތް ގޯލެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ ނުނިއޭޒަށް ހިލާލުން ޝައުގުވެރިވެ، ލިވަޕޫލާ ކުރަމުންދާ މަޝްވަރާތައް ކުރިއަށް އޮތް ދެތިން ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އެހެންނަމަވެސް، އެކަމުގައި އަދި ފަހި ސިގުނަލެއް ލިބުނު ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.