މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 490.33 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެމްޓީސީސީން އިއްޔެ އާންމުކުރި "ކުއާޓަލީ ރިޕޯޓް 2، 2025" ގައިވާ ގޮތުން އެ ކުންފުނީގެ އޮޕަރޭޓިން ފައިދާއަކީ 49.76 ރުފިޔާއެވެ. އަދި ޓެކްސްއަށް ނުކަނޑައި ކުންފުންޏަށް ލިބުނު ފައިދާއަކީ 32.92 މިލިއަން ރުފިޔާއެވެ.

ރިޕޯޓުގައިވާ ގޮތުން އެމްޓީސީސީން ވަނީ ދެވަނަ ކުއާޓަރުގައި ނުވަ މަޝްރޫއެއްގެ މަސައްކަތް ނިންމާލައިފައެވެ. އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 593.03 މިލިއަން ރުފިޔާއެވެ.

އަދި ދެވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 64 މަޝްރޫއުގެ މަސައްކަތް ފަށައިފައެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއޫތައް ހިމެނެއެވެ.

ދެވަނަ ކުއާޓަރުގައި އެމްޓީސީސީން 35 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރި އިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.42 ބިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މުޅިރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީން ވަނީ ދެވަނަ ކުއާޓަރުގައި ރ. އަތޮޅުގައި އެ ހިދުމަތް ފަށައިފައެވެ. އަދި ދެވަނަ ކުއާޓަރުގައި އެމްޓީސީސީން ތެލެސީމިއާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަހުގެ އާ ރޫޓެއް ތައާރަފުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައިވާ ގޮތުން އެމްޓީސީސީގެ މުވައްޒަފުންގެ ގޮތުގައި ޖުމްލަ 4،130 މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 2.463 ދިވެހިންނެވެ. އަދި 1،661 މީހުންނަކީ ބިދޭސީންނެވެ. 4،130 މުވައްޒަފުންގެ ތެރެއިން 3،646 މުވައްޒަފުންނަކީ ފިރިހެނުންނެވެ. އަދި 484 އަންހެން މުވައްޒަފުންނެވެ.

އެމްޓީސީސީގެ މަޝްރޫއުތައް:

  • އެއާޕޯޓް ތަރައްގީކުރުމުގެ ހަ މަޝްރޫއު
  • ބިލްޑިން ކޮންސްޓްރަކްޝަންގެ 115 މަޝްރޫއު
  • ކޯސްވޭ ބުރިޖުގެ ހަ މަޝްރޫއެއް
  • ބަނދަރު ތަރައްގީކުރުމުގެ 69 މަޝްރޫއެއް
  • ގޮނޑުދޮށް ހިމާޔަތްކުރުމުގެ 35 މަޝްރޫއެއް
  • ބިންހިއްކުމާއި ގޮނޑުކޮށް ހިމާޔަތްކުރުމުގެ 35 މަޝްރޫއު
  • އިންޓާނަލް އެއް މަޝްރޫއު
  • މަގު ހެދުމުގެ ހަތް މަޝްރޫއު
  • ކޮންސަލްޓެންސީ ދިނުމުގެ ތިން މަޝްރޫއު
  • ފުޓްސަލް ދަނޑުތައް ހެދުމުގެ ތިން މަޝްރޫއު
  • ޖެޓީ ހެދުމުގެ ދެ މަޝްރޫއެއް
  • އެހެނިހެން 27 މަޝްރޫއެއް

ދެވަނަ ކުއާޓަރުގެ ތެރޭގައި އެމްޓީސީސީން ކާމިޔާބުކަމާއެކު ނިންމާފައިވާ މަޝްރޫއުތައް

  • ނ. މާފަރު އެއާޕޯޓުގެ ޑިޒައިނާއި އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު
  • ރ. އުނގޫފާރު މަގުތައް ޑިޒައިން ކުރުމާއި ތަރައްގީކުރުމުގެ މަޝްރޫއު
  • ކ. ފުނަދޫގެ ކޯސްޓަލް ރިޕެއާ މަޝްރޫއު
  • މ. މުލި އެއާޕޯޓް ޑިޒައިން ކުރުމާއި އިމާރަތްކުރުމުގެ މަޝްރޫއު
  • ފ. އެފްސީއެސްސީގެ ޗިލްޑްރެންސް ހޯމްއާާއި ވަށާ ފާރުގެ ހެދުމުގެ މަޝްރޫއު
  • ގއ. މާމެންދޫ އެމެޖެންސީ އެންޑް ޝޯ ޕްރޮޓެކްޝަން ސްޓްރަކްޗާގެ މަޝްރޫއު