ރެއާލް މެޑްރިޑުން ކުރިއަށް އޮތް ސީޒަނުގެ ލީގުގައި އެންމެ ފުރަތަމަ ކުޅެން އޮތް މެޗު ފަސްކޮށްދޭން އެދުނު ނަމަވެސް އެކަމަށް ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުން ނޫނެކޭ ބުނެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ސްޕެއިންގެ ރިޕޯޓުތައް ބުނީ ރެއާލުން ސީޒަން ފަށަން އޮސަސޫނާއާ ދެކޮޅަށް ކުޅެން އޮތީ މިމަހުގެ 19 ވަނަ ދުވަހުގައި ކަމަށާއި އެހާ ދުވަހަށް ޓީމަށް ރަނގަޅު ރެސްޓް ނުލިބޭނެ ކަމަށް ރެއާލުން ބުނެފައިވާ ކަމަށެވެ. އެގޮތަށް ރެއާލުން އެދުނީ ކްލަބު ވޯލްޑް ކަޕުގައި އެޓީމުން ކުޅެން ޖެހުމުން ކަމަށްވެސް ނޫސްތައް ބުނެއެވެ.

ރެއާލުން ކްލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅެފައިވާ އިރު، އެޓީމުން ކެޓީ ޕީއެސްޖީ ކައިރިން ބަލިވެގެންނެވެ.

ރެއާލުން އެހެން އެދުނު ނަމަވެސް، ރިޕޯޓުތައް ބުނީ ސްޕެއިންގެ ފެޑަރޭޝަނުން އެކަމަށް ނޫނެކޭ ބުނީ މުބާރާތުގެ ހައިބަތު ގެއްލުވާ ނުލުމަށް ކަމަށެވެ. އޭގެ އިތުރުން އެފަދަ ކަންކަމުގައި ގޮތް ނިންމާނީ ގާނޫނީ ލަފާ ހޯދުމަށްފަހުގައި ކަމަށްވެސް ނޫސްތައް ބުނެއެވެ.

ކްލަބުތަކަށް ބުރަ ބޮޑުކަމުން އެކަމުގެ ޝަކުވާ ބައެއް ކްލަބުތަކުން ކޮށްފައިވެއެވެ. އެ ޝަކުވާ ކުރަމުންދަނިކޮށް، ސީޒަނަށްފަހު ބައެއް ކްލަބުތަކުން ކްލަބު ވޯލްޑް ކަޕުގައި ކުޅެން ޖެހުމުން ޕްރި ސީޒަނަށް ވަނީ އަސަރުތަކެއް ކޮށްފައެވެ.