ގއ. ދެއްވަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރާ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ.

ދެއްވަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 103.09 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ 1400 މީހުންގެ އާބާދީއެއް އޮންނަ، މަސްވެރިކަން ކުރާ 12 ދޯނި އޮންނަ ދެއްވަދޫ ބަނދަރު އަޕްގްރޭޑްކުރުމުން މަސްދޯނި ފަހަރާއި މުދާ އުފުލާ ދޯނި ފަހަރާއި ޑިންގީ ފަދަ ކަނޑުމަތީ އުޅަނދުތަކަށް ބަނދަރުގައި އަޅާފައި އޮންނަ އިރު، ކުރިމަތިވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.

31 ޖުލައި 2025: ގއ. ދެއްވަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން --- ފޮޓޯ/ އެމްޓީސީސީ

ދެއްވަދޫ ބަނދަރު އަޕްގްރޭޑުކޮށް ނިމުމާއެކު ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި ލަފާ ފުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުވެ، ރަށު ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި:

  • 60،672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން.
  • 95،194 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
  • 29 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ޖެހުން.
  • 407 މީޓަރުގެ ކުއޭ ވޯލް ޖެހުން.
  • 1،256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
  • 22 މީޓަރުގެ ސަރަހައްދެއްގައި ބްރިޖެއް އެޅުން.
  • 1،980 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.