ސްރީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފައިވާ ކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ދަ ގާޑިއަން ނޫހުން، ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ރާއްޖެ އެ ލިސްޓުން އުނިކޮށްފައިވަނީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެގެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ރާއްޖެ، ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާ ލިސްޓުގައި ހިމަނާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެ ގައުމަށް ދިން "އީސްޓަ ބޮމުގެ" ހަމަލައާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

"އީސްޓަ ބޮމުގެ" ހަމަލާތަކާ ދިވެހިންތަކަކާވެސް ގުޅުން އޮތްކަމަށް އޭރު އަޑުތަކެއް ފެތުރުނެވެ. އެކަން ބައެއް ނޫސްތަކުންވެސް އެ ދުވަސްވަރު ރިޕޯޓު ކުރިއެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެ ހަމަލާތަކުގައި ދިވެހިންތަކެއްގެ ސީދާ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން ދީފައެވެ.

ދިވެހި ސަރުކާރުން އެ ޔަގީންކަން ދިންނަމަވެސް އެ ހަމަލާތަކުގައި ނުސީދާ ގޮތުން ބައިވެރިވި ހަތަރު ދިވެއްސެއް ފާހަގަވެފައިވާ ކަމަށް ފެބްރުއަރީ 2020 ގައި ލަންކާގެ ފުލުހުންނާ ހަވާލާދީ، ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ.

"އީސްޓަ ބޮމުގެ" ހަމަލާ ދީފައިވަނީ ނޭޝަނަލް ތައުހީދު ޖަމާއަތަށް ނިސްބަތްވާ ނުވަ މީހެކެވެ. ލަންކާގެ ނޫސްތަކުން އޭރު ރިޕޯޓުކުރި ގޮތުގައި އެ ނުވަ މީހުންނާ ދިވެހިންތަކަކާ ގުޅުމެއް އޮތެވެ.