މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޖަޒީރާގެ ނަމުގައި ޓެލެގްރާމް ޗެނެލްތަކެއް ހިންގުމުގައި އިސްކޮށް އުޅުނު ދަފްތަރު ނަންބަރު ރސ 12966 އިބްރާހިމް ރަޝީދު ހަތަރު އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ހުކުމްކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ ޓެލެގްރާމުގައި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ހަދާފައިވާ ޔޫސާ ބޭނުން ކުރަމުންގެންދާ ފަރާތުން "ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އަދި "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި އިސްތިހާރުކޮށް، ވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދޭ ގޮތަށް އިސްތިހާރުކޮށް، އެކަމަށް މަގުފަހިކުރުމުގެ އިތުރުން ރާއްޖޭގައި އާންމުކޮށް ވިއްކުން މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރަމުންގެންދާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް އެ މަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތުން ދައުވާ އުފުލާ ތިން މީހުންނަކީ އިބްރާހީމް ރަޝީދު، ތ. ވޭމަންޑޫ/ ރެދިންގެ، ނިޝާނީ އަލީ އަދި ގދ. ރަތަފަންދޫ/ ވެލީގެ، އައިސަރު ނަސީމެވެ.
އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް:
- ހަޑި ހުތުރު އެއްޗެއް ރައްދުކުރުން: ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
- މަނީ ލޯންޑްރިން: ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި މިލިއަން ރުފިޔާ އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
- ރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުން: ކުށުގެ އަދަބަކީ 7 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
- އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން: ކުށުގެ އަދަބަކީ 25,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން
- ހަޑިހުތުރު އެއްޗެއް ރައްދުކުރުން: ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
- މަނީ ލޯންޑަރިން: ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
- މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިއުކުރުން ނުވަތަ އާންމުންނަށް ދެއްކުމަށްޓަކައި ނެރުން: ކުށުގެ އަދަބަކީ ތިން އަހަރަށް ޖަލަށް ލުން
- އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން: ކުށުގެ އަދަބަކީ 25,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން
ޕީޖީ އޮފީހުން ބުނެފައިވަނީ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9,495,685.55 ރުފިޔާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ. އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ އެ ފައިސާ އެކި އަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށް ލޯންޑާކޮށްފައިވާތީ ކަމަށްވެސް ބުންޏެވެ.
އެ ތިން މީހުންގެ މައްޗަށް ހަޑިހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުން ކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާ ގުޅުންހުރި މެސެޖުތައް ކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގި ހުރެ، އެ ތަކެތި ފޮނުވައި ރައްދުކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުން ވަނީ އެ ތިން މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ރަޝީދުގެ މައްޗަށް އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގި ހުރެ، އެ އާމްދަނީގެ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.
ކޯޓުން އެގޮތަށް ކަނޑައެޅީ އެ ދައުވާއަށް އޭނާ އިއުތިރާފުވުމުންނެވެ. އެ ދައުވާތަކާ ގުޅިގެން އިބްރާހިމް ރަޝީދުވަނީ ދައުލަތަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. ޝަރީއަތުން ވަނީ އެއީ ސައްހަ އިއުތިރާފުގެ އެއްބަސްވުންތަކެއް ބަލައިގެންފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގި ހުރެ، އެ އާމްދަނީގެ ބޭނުން ކުރުމުގެ ކުށުގެ ދައުވާއަށް އިބްރާހިމް ރަޝީދަށް އަންނާނީ އެއް އަހަރާއި ހަމަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން އިބްރާހިމް ރަޝީދަށް އަންނާނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
އެހެންވެ ކުރިމިނަލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނީ އެހެން މީހެއްގެ ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގި ހުރެ، އެ އާމްދަނީ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއަށް އިބްރާހިމް ރަޝީދު އިއުތިރާފުވެފައިވާތީ، ޝައްކެއް ނެތް މިންވަރަށް އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާތީ ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ. އަދި އިބްރާހިމް ރަޝީދު 462،637.61 ރުފިޔާއިން ޖޫރިމަނާކުރާ ކަމަށް ހުކުމް ކުރިއެވެ.
ނަމަވެސް މަނީލޯންޑަރިންގެ މައްސަލައާ ގުޅިގެން އިބްރާހިމް ރަޝީދު 474 ދުވަސް (އެއް އަހަރާއި ތިން މަހާއި 19 ދުވަސް) ބަންދުގައި ހުރެފައިވާތީ އެބައި ތަންފީޒުކުރަންޖެހޭ ޖަލު އަދަބުން އުނިވާނެ ކަމަށް ހުކުމުގައި ބުންޏެވެ.
ވަކިވަކިން ކުރިއަށް ގެންދިޔަ މި ދެ މައްސަލަ ވެސް ބެއްލެވީ ގާޒީ އިބްރާހިމް އިހުސާންއެވެ.
ފުލުހުން މިދިޔަ އަހަރުގެ 13 މާޗް 2024 ވަނަ ދުވަހު ބުނެފައިވަނީ ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުންދިޔަ ޓެލެގްރާމް ގްރޫޕުތަކެއް ސީޒްކޮށްފައިވާ ކަމަށެވެ. ސީޒްކުރި ޓެލެގްރާމް ގްރޫޕުތަކަކީ "ޖަޒީރާ އެމްޑިމް"، ޖަޒީރާ ގާލްސް"، ޖަޒީރާ އެސްކޯޓް ގެލެރީ"، ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކު ހަބަރު" ކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި ޗެނަލްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 2024 މާޗު 06 ވަނަ ދުވަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ..،" ފުލުހުން ބުނެފައިވެއެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައިފާސްކުރުމަށްފަހު، މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު