ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޑިރެކްޓަރުގެ މަގާމަށް، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނަޒީމް އައްޔަންކޮށްފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މައުރޫފް ޖަމީލު މިއަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޒުހައިރު އައްޔަންކޮށްފައިވަނީ، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވަކިކުރުމަށްފަހުއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒުހައިރު އައްޔަންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. އެލީޒިއަމް، އިބްރާހިމް ނަޒީމް އައްޔަންކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ އެމްޑީގެ މަގާމު ވެސް ފުރުއްވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މައުރޫފް މިއަދު އިސްތިއުފާދެއްވި އިރު، އަންނަ މަހު 18ގައި ރިޓަޔާކުރައްވަން ވެސް ވަނީ ނިންމައިފައެވެ.
މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
މައުރޫފް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓާޕްލޭނަށް އުންމީދީ ބަދަލުތަކެއް ގެނެސް، އެ ކުންފުނީގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އާ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފައެވެ. އަދި ހުޅުމާލޭގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތްތައް ވެސް ކުރެވުނެވެ.
މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އެއިރު އެޗްޑީސީ އުފައްދައިފައެއް ނުވެއެވެ. އެޗްޑީސީ އުފެއްދި ފަހުން މައުރޫފް ވަނީ އެ ކުންފުނީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. މައުރޫފަކީ ހުޅުމާލެ ޑިޒައިން މަރުހަލާއިން ފެށިގެން ގޮސް އެތަން ވުޖޫދު ވުމާއި ހަމަޔަށް ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވައިފައެވެ.
މީގެ އިތުރުން މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާއިން މައުރޫފް މިހާރު ވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަަރުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވައިފައިވަނީ ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައެއްގައެވެ.
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު