މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު 2025 ގެ ޗެމްޕިއަންކަން އިފްހާމްސްއިން ހޯދައިފިއެވެ.

ދިއްގަރު ފުޓްސަލް ދަނޑުގައި ފޯރިއާއެކު ކުރިއަށްދާ ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު 2025ގެ ފައިނަލުގައި ރޭ އިފްހާމްސްއިން ނުކުތީ ޑީ ސީ ޖޭއާ ދެކޮޅަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިފްހާމްސްއިން މޮޅުވީ 11-10 ގެ ނަތީޖާއަކުންނެވެ.

ދެޓީމުންވެސް ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ފެނިގެން ގޮސްފައިވާ އިރު، މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޑީ ސީ ޖޭގެ އަލީ ހާފިޒު (ހާއްޕެ) ވަނީ މެޗުގެ ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް، އޭގެ 10 މިނެޓު ފަހުން، އަބްދުﷲ ޖުނައިދު (ޖޭއްނެ) އިފްހާމްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، މުހައްމަދު ޝާއިން ވަނީ އިފްހާމްސްއަށް ލީޑުވެސް ނަގައިދީފައެވެ.

އެ ގޯލާއެކު އިފްހާމްސް މޮޅުވާން ދަނިކޮށް، މެޗު ޕެނަލްޓީއަށް ދިޔައީ އިފްހާމްސްގެ ކީޕަރު މިފްދާދު އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ޕެނަލްޓީގައި ދެޓީމުވެސް ކާމިޔާބުކޮށް ފެނިގެން ދިޔަ އިރު، މިފްދާދު މުހިއްމު ސޭވެއްކޮށް، މެޗު ޔަގީންކުރިއެވެ.

މިފްދާދުގެ އިތުރުން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އިފްހާމްސްގެ ޝާއިންއާއި އަބްދުﷲ ޖުނައިދުގެ އިތުރުން ޑީ ސީ ޖޭގެ ހާއްޕެއާއި އިބްރާހީމް ރިއްފަތެވެ. މުބާރާތުގެ ކިންގަކީ ޖޭއްނެއެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖް 2025 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީވެސް "ވަން ސްޕޯޓްސް"އެވެ. މިދިޔަ އަހަރުވެސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.