މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު 2025 ރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ މެޗުތަކުން އިފްހާމްސްއާއި ކޮމިއެންޒޯ ފުޓްސަލް ކްލަބު މޮޅުވެއްޖެއެވެ.

ދިއްގަރު ފުޓްސަލް ދަނޑުގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ މުބާރާތް ފަށާފައިވާ އިރު، ފެށުން ޝަރަފުވެރިކޮށްދިނީ ރާއްޖޭގެ ކުރީގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ޝިހާމް (ހުރާ އައްޔަ) އެވެ. އޭގެ އިތުރުން ރަށުގެ އިސްވެރިންނާއި މުބާރާތް އިންތިޒާމުކުރާ ފަރާތް، ސްޕޮންސަރުންވެސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިިވެއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ހުރާ އައްޔަ --- ފޮޓޯ/ އެކުވެރި ގުޅުން، އިމޭޖަސް އެމްވީ

މިއީ އެކުވެރި ފުޓްސަލް ޗެލެންޖު ބާއްވާ ތިންވަނަ އަހަރެވެ. މިއަހަރު މުބާާރާތުގެ ޓައިޓަލް ސްޕޮންސަރަކީވެސް ލާމެހި ދިއްގަރެވެ. މީގެ ކުރިން ބޭއްވި މުބާރާތްތައްވެސް ތަފާތު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މިއަހަރު ޖުމުލަ ހަ ޓީމަކުން ވާދަކުރަމުން ދެއެވެ. ޓީމުތައް ފެންނަނީ މިފަހަރުވެސް ވަރުގަދަ ކޮށެވެ. އެގޮތުން ރާއްޖޭގެ ފުޓްސަލް ތަރިން މުބާރާތުން ފެނިގެން ދެއެވެ.

ރޭގެ ފުރަތަމަ ކުޅުނު ގްރޫޕް އޭގެ މެޗުގައި އިފްހާމްސް ވާދަކުރީ އެންމެފަހުގެ ޗެމްޕިއަން ޖަމިއްޔަތުލް ކޮވިގޯންޏާ ދެކޮޅަށެވެ. އެމެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މިފަހަރު މުބާރާތުގައި ވަރުގަދަކޮށް ފެނިގެންދާ އިފްހާމްސްއެވެ.

އިފްހާމްސްގެ މުހައްމަދު ޝާއިންގެ އިތުރުން އަބްުދުﷲ ޖުނައިދު (ޖޭއްނެ) ގޯލުތައް ޖެހި އިރު، އެ ދެ ގޯލަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ އަލީ ޝިޔާހް (ޝިޔާ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ޖޭއްނެއެވެ.

މުބާރާތުގައި ރޭ އިފްހާމްސްއިން ހޯދި މޮޅުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޖުނައިދު --- ފޮޓޯ/ އެކުވެރި ގުޅުން، އިމޭޖަސް އެމްވީ

ރޭ ކުޅުނު ދެވަނަ މެޗަކީ ގްރޫޕް ބީގެ މެޗެކެވެ. އެ މެޗުގައި ކޮމިއެންޒޯ ވާދަކުރީ ޑީއެސްކޭއާ ދެކޮޅަށެވެ. އެމެޗު 3-0 އިން ކާމިޔާބުކުރީ ކޮމިއެންޒޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ކޮމިއެންޒޯގެ ލީޑު ނަގައިދިނީ ކެޕްޓަން މޫސާ ނައީމެވެ. އޭގެ ފަހުން އެޓީމަށް މެޗު ޔަގީންކޮށްދިނުމަށް އަނެއް ދެ ގޯލު ޖެހީ ޝަވާއިޒު މުހައްމަދު ޝިފާއުއާއި އަހުމަދު މުނާޒެވެ.

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖުގައި ހަ ޓީމު ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށްފަހު ސެމީ ފައިނަލް އޮންނާނީ 27 ޖުލައި ވާ އާދީއްތަ ދުވަހުގެ ރޭގައެވެ. ފައިނަލް އޮންނާނީ 29 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭގައެވެ.

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖް 2025 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީވެސް "ވަން ސްޕޯޓްސް"އެވެ. މިދިޔަ އަހަރުވެސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.