މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު 2025 ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ފޫލްސް އެސްސީއާއި ޑީސީޖޭއިން ކާމިޔާބުކޮށްފިއެވެ.

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖުގައި ހަ ޓީމު ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށްފަހު ސެމީ ފައިނަލް އޮންނާނީ 27 ޖުލައި ވާ އާދީއްތަ ދުވަހުގެ ރޭގައެވެ. ފައިނަލް އޮންނާނީ 29 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭގައެވެ.

ދިއްގަރު ފުޓްސަލް ދަނޑުގައި މެޗުތައް ކުރިއަށްދާ އިރު، ގްރޫޕް އޭގައި ރޭ ފޫލްސްއިން އެންމެފަހުގެ ޗެމްޕިއަން ޖަމިއްޔަތުލް ކޮވި ގޯންޏާ ވާދަކުރި މެޗު، ފޫލްސްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖއަކުންނެވެ.

ފޫލްސްގެ ގޯލުތައް މެޗުގައި ޖެހީ އަހުމަދު ވަސީމާއި އިބްރާހީމް އަތީގު (އިއްބެ)، މުހައްމަދު ސާދު ނިޒާރެވެ. ސާދު މެޗުގައި ދެ ގޯލު ޖެހި އިރު، ގޮވި ގޯނީގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ އަތީގު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ އަލީ އަހުމަދެވެ.

އެ ނަތީޖާއާއެކު ކޮވި ގޯނި ކަޓާފައިވާ އިރު، އެ ގްރޫޕުގައި ދެން އޮތް އިފްހާމްސްއާއި ފޫލްސް ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ. އެ ގްރޫޕުގައި ދެން އިފްހާމްސްއާއި ފޫލްސް ވާދަކުރާ މެޗަކީ ގްރޫޕުގެ އެއްވަނަ ޔަގީންކުރާ މެޗެވެ.

ފޫލްސްއިން ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެކުވެރި ގުޅުން، އިމޭޖަސް އެމްވީ

ގްރޫޕް ބީގައި ޑީ ސީ ޖޭއިން ރޭ ކޮމިއެންޒޯ އެފްސީ ބަލިކުރީ 8-1 ގެ ނަތީޖާއަކުންނެވެ.

އެމެޗުގައި ޑީ ސީ ޖޭގެ އަލީ ހާފިޒު (ހާއްޕެ) ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ އިބްރާހީމް އަސްވަދު (ގަބޭ) ދެ ގޯލު ޖެހިއެވެ. ދެން އަނެއް ގޯލުތައް ޖެހީ އާދަމް ޝަހީމް (އާނާ) އާއި އަހުޝާހް ނައީމް އަދި އިބްރާހީމް ރިއްފަތު (ރިއްޕެ) އެވެ.

ކޮމިއެންޒޯގެ ގޯލު ޖެހީ މުހައްމަދު ޔައިޝް ނާއިޒެވެ.

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖް 2025 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިރޭ އޮންނާނެއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީވެސް "ވަން ސްޕޯޓްސް"އެވެ. މިދިޔަ އަހަރުވެސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.