މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު 2025 ގެ ފައިނަލުގައި ޑީ ސީ ޖޭއާއި އިފްހާމްސް ކުރިމަތިލާން ޖެހިއްޖެއެވެ.

ދިއްގަރު ފުޓްސަލް ދަނޑުގައި ފޯރިއާއެކު ކުރިއަށްދާ ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު 2025ގެ ފައިނަލް މިރޭ އޮންނަ އިރު، އިފްހާމްސް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ކޮމިއެންޒޯ އެފްސީއާ ވާދަކޮށް، 5-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގައި އިފްހާމްސްގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ޝާއިންއާއި އަބްދުﷲ ޖުނައިދު (ޖޭއްނެ) އެވެ. ޝާއިން މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، ޖޭއްނެ ވަނީ ދެ ގޯލު ޖަހައިފައެވެ.

އިފްހާމްސްއިން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ އެކުވެރި ގުޅުން، އިމޭޖަސް އެމްވީ

ޑީ ސީ ޖޭއިން ސެމީގައި ފޫލްސްއާ ވާދަކޮށް، 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޑީ ސީ ޖޭގެ ގޯލުތައް ޖަހައިދިނީ އަލީ ހާފިޒު (ހާއްޕެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އަދި އިސްމާއީލް ވާއިލެވެ. ހާއްޕެ މެޗުގައި ދެ ގޯލު ޖެހި އިރު، ފޫލްސްގެ ހަމައެކަނި ގޯލު ޖެހީ ރީހާން ހުސައިނެވެ.

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖް 2025 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީވެސް "ވަން ސްޕޯޓްސް"އެވެ. މިދިޔަ އަހަރުވެސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.