ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޔޫކޭއިން ނިންމާނެ ކަން ހާމަކޮށްފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިނގިރޭސި ވިލާތުން ފަލަސްތީނު ދައުލަތް ސެޕްޓެމްބަރު މަހު ރަސްމީކޮށް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

އދ. ގެ ޖެނަރަލް އެސެމްބްލީގައި އަންނަ ސެޕްޓެމްބަރު މަހު ޔޫކޭއިން އެނިންމުން ނިންމުމަށް ކަނޑައަޅާފައި މިވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ކެއިރު ވަނީ ފާހަގަކުރައްވައިފައެވެ.

އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްފިނަމަ އެގައުމު ވެގެން ދާނީ ހުޅަނގުގެ ބާރުގަދަ ގައުމުތަކުގެ ތެރެއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ދެވަނަ ގައުމުކަމުގައެވެ. ފްރާންސުންވެސް ވަނީ އެގައުމުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެއިރު ސްޓާމާ ވިދާޅުވީ ފަލަސްތީނުގެ އާންމުން ހިތްދަތިކަމާއި ދަތި ހާލުގައި ވޭތުކޮށްފި ކަމަށާއި މިހާރު ގާޒާގައި ހިނގަމުންގެންދާ ހައިހޫނުކަމުގެ ކާރިސާއަކީ އިންސާނިއްޔަތާ ހިލާފަށް އިޒްރޭލުން ހިންގަމުން އަންނަ އަމަލެއް ކަމަށެވެ.