ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލާފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އޭރު ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސީއެސްސީގެ ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.

ރައީސް އޮފީހުން ބުނީ ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

ސީއެސްސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދައުރުގެ މުއްދަތު ހަމަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މުހައްމަދު ފަރުޝަތު އަދި ފާތިމަތު ޝަރީފެވެ. ސީއެސްސީގެ މެންބަރުކަމަށް އެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ގައެވެ.

އޭރު މެންބަރުކަމަށް އައްޔަންކުރެއްވި އިބްރާހިމް ރަޝީދު ވަނީ ދާދިފަހުން އިސްތިއުފާދެއްވައިފައެވެ. ގިނަ ތުހުމަތުތަކެއްކޮށް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށް، އޭނާ އިސްތިއުފާދެއްވީ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހުއެވެ.

އިބްރާހިމް ރަޝީދު އިސްތިއުފާދެއްވުމުން، މިދިޔަ އޭޕްރީލް މަހުގެ 20 ގައި އެ މަގާމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ކުރީގެ މެންބަރު މުހައްމަދު މުޖުތާޒެވެ. އަދި އޭނާ ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ވެސް އައްޔަންކުރައްވައިފައެވެ.