ދިވެހި ވިޔަފާރިވެރިން ސްރީ ލަންކާގައި އިންވެސްޓްކުރުމަށް އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ދައުވަތު ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސަނަޔަކެ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި އިއްޔެ ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އެ މަޝްވަރާތަކަށްފަހު ރައީސް މުއިއްޒު އަދި ޑިސަނަޔަކެ ގުޅިގެން ރައީސް އޮފީހުގައި ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއްގައި ޑިސަނަޔަކެ ވިދާޅުވީ ލަންކާއިން ދަނީ ފޮރިން އިންވެސްޓަރުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަމުން ކަމަށެވެ. އެހެންވެ ދިވެހި ވިޔަފާރިވެރިން ލަންކާގައި އިންވެސްޓުކުރަން ދައުވަތު ދެއްވާކަން ރައީސް މުއިއްޒުގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް ޑިސަނަޔަކެ ވިދާޅުވިއެވެ.

"ހާއްސަކޮށް އައިޓީ/އޭއައި، ފިޝަރީޒް އެންޑް އެގްރޯ ޕްރޮސެސިން، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު ދިނީމެވެ،" ޑިސަނަޔަކެ ވިދާޅުވިއެވެ.

ޑިސަނަޔަކެ ވިދާޅުވީ ލަންކާ އާއި ރާއްޖެއަށް ބަލާއިރު ޓޫރިޒަމަކީ އިގުތިސޯދުގައި މުހިންމު ދައުރެއް އަދާކުރާ އިންޑަސްޓްރީއެއް ކަމަށެވެ. ދެގައުމުގައި ޓޫރިޒަމް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާނެ ކަމަށް ޑިސަނަޔަކެ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކާތަކުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރަށް އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަން މިހާރަށްވުރެ ފުޅާކުރަން ވެސް މަޝްވަރާކުރައްވާފައިވާނެ ކަމަށް ޑިސަނަޔަކެ ވިދާޅުވިއެވެ.