ސިއްހީ ފަރުވާއަށް ދަތުރުކުރާ ފަރާތްތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންގެ އާއިލާތަކަށް އެއް އަހަރުގެ ވިސާ ލިބޭގޮތަށް ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިން، މިއަދު ބޭއްވި ދެ ގައުމުގެ ރަސްމީ ބައްދަލުވުންތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ރައީސް މުއިއްޒު ވަނީ އެ ނިންމުމަށް ޝުކުރު ދަންނަވައިފައެވެ.

"ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކިޔާ މަރުހަބާއަށް ރައީސް ޑިސަނަޔެކެއަށް ޝުކުރު ދަންނަވަން. ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ކޮންސިއުލާ ހިދުމަތްތައް ފުޅާކުރުމަށް ވާނީ މަޝްވަރާކުރެވިފައި. އަދި ދިވެހީންނަށް އެއް އަހަރުދުވަހަށް މެޑިކަލް ވިސާ އާއި ސްޕައުސް ވިސާ ހަމަޖައްސައިދޭން ދާދިފަހުން ސްރީލަންކާއިން ނިންމި ނިންމުމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ލަންކާ އިން ނިންމާފައިވަނީ ލަންކާގައި ވަޒީފާ އަދާކުރުމަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރުގެ ވިސާ ހަމަޖައްސައިދިނުމަށެވެ.

ރައީސް ވިދާޅުވީ މިއަދު ސޮއިކުރެވުނު ދެ އެއްބަސްވުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި އެގޮތުން ތަހުގީގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ތަހުގީގުތަކަށް ލަސްތަކެއް އަންނަ އައުމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ޑިޕްލޮމެޓުންނާ ގުޅޭ އެއްބަސްވުމުގެ ދަށުން ޑިޕްލޮމެންޓުންނަށް ތަމްރީނުގެ ފުރުސަތުތައް ދެވި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކަކީ ދެ ގައުމަށް ވެސް އޮތް ގޮންޖެހުމެއް. ތިމާވެއްޓަށް ކުރާ އަސަރުތަކަށް މަސައްކަތްކުރުމަށް އަޅުގަނޑުމެން ވާނީ މަޝްވަރާކޮށްފައި. ގާތްގުޅުމެއް އޮންނަ ރަހުމަތްތެރި ދެ ގައުމުގެ ގޮތުގައި ރާއްޖެ އާއި ލަންކާއިން ވާނީ ބައިނަލްއަގުވާމީ މައިދާނުގައި ވެސް އެކުގައި މަސައްކަތްކުރެވިފައި. ޕާޓްނާޝިޕް ވަރުދަކޮށް، ދެ ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަރަހައްދީ އަދި ބައިނަލްގުވާމީ ފޯރަމްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑުމެން ވާނީ އެއްބާރުލުން ދޭން މަޝްވަރާކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިއަދު ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ރައްޔިތުންނާ ގުޅޭގޮތުން އަދި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވާހަކަދެކެވިފައިވާނެ ކަމަށެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ލަންކާގެ ރައީސް ޑިސަނަޔެކެ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިއަދު ހަވީރު ވަނީ އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފައެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.