ހަމަލާބަދަލުކުރުން ހުއްޓާލުމަށް ތައިލެންޑާއި ކެމްބޯޑިއާ އެއްބަސްވެއްޖެއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ހިމެނޭ ސަރަހައްދުގައި ދެގައުމުން ދެމުންދިޔަ ހަމަލާތައް ހަފުތާއެއް ވާން ކައިރިވެފައިވަނިކޮށް އިއްޔެ ވަނީ އެ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ.

އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ އިރު، އެ އެއްބަސްވުމަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ ރޭ ދަންވަރުން ފެށިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު މަޝްވަރާކުރުމަށް އިއްޔެ މެލޭޝިޔާގައި ބޭއްވި ބައްދަލުވުމުގައި މެދުވެރިޔަކަށްވެފައިވަނީ މެލޭޝިޔާއެވެ. އެބައްދަލުވުމުގެ ޗެއާއަކަށް އިންނެވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތައިލެންޑުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެގައުމުގެ ވަގުތީ ބޮޑުވަޒީރު ޕުމްތަމް ވެޗަޔާޗާއެވެ. ކެމްބޯޑިއާއިން ވެސް އެ މަޝްވަރާތުގައި އެގައުމުގެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރު ހުމް މަނެޓްއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ދެގައުމުން ވެސް ވަނީ އެއްގައުމު އަނެއްގައުމަށް ބަހުގެ ހަމަލާތަކެއްދީ ގިނަ އިލްޒާމުތަކެއް އަޅުވައިފައެވެ.

ދެގައުމުގެ ބޯޑަރު ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު އެހަމަލާތަކުގައި 35 މީހުން މަރުވެ 200 އަށްވުރެން ގިނަމީހުންނަށް ވަނީ އަނިޔާވެފައެވެ.