ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިއަދުވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުމަށް ނިންމައިފިއެވެ.

ރާއްޖޭގެ މިނިވަންދުވަސް، ޖުލައި 26 އާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދު ރޭގައި ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާ އިރު، އެ ހަރަކާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެޗްޑީސީން ބުނީ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިއަދު ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:30 އަށް ފުޅަނދުތައް ދައްކާލުމަށް ނިންމާފައިވާ ކަމަށާއި ފުޅަނދުތައް ދައްކާލުމަށް ބަހައްޓާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކަމަށެވެ. އަދި މިރޭ ފުޅަނދު ދައްކާލާ ވަގުތުގައި އެ ސަރަހައްދުގައި އެކި ކަހަލަ ސަގާފީ ކުޅިވަރުތައްވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް އެ ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފުތާގެ ތެރޭގައެވެ.

އެއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް މިފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމަށެވެ.