ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ދެ ގައުމުގެ ރަސްމީ މަޝްވަަރާތައް ކުރިއަށްގެންގޮސްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިންނެވެ.

28 ޖުލައި 2025، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުން -- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ މަޝްވަރާ ބައްދަލުވުމަށްފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ރައީސް މުއިއްޒު ވިދާޅުވީ ޑިސަނަޔެކެގެ ދަތުރުފުޅުން ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް އަވަށްޓެރިކަމުގެ ގުޅުން ވަރުގަދަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ދެ ގައުމުގެ މަޝްވަރާތަކުގައި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ވާހަކަދެކެވިފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ވިޔަފާރި، ޑިފެންސް، ތައުލީމާއި ވޮކޭޝަނަލް ޓްރެއިނިން، ޒުވާނުންނާއި ކުޅިވަރު، ތިމާވެށި، ފިޝަރީޒް، އެގްރިކަލްޗާ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

28 ޖުލައި 2025، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުން -- ވަން ފޮޓޯ: ހަމްދާން އަހުމަދު

ރައީސް ވިދާޅުވީ ތިމާވެއްޓަށް ކުރާ އަސަރުތަކަށް މަސައްކަތްކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށާއި ރާއްޖެ އާއި ލަންކާގެ ޕާޓްނާޝިޕް ވަރުދަކޮށް، ދެ ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަރަހައްދީ އަދި ބައިނަލްގުވާމީ ފޯރަމްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބާރުލުން ދޭން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މިއަދު ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގައި ރާއްޖެ އާއި ލަންކާ ރައްޔިތުންނާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ދެ މެދުގައި ވެސް އޮތީ ގާތް ގުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

28 ޖުލައި 2025، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުން -- ވަން ފޮޓޯ: ހަމްދާން އަހުމަދު

ދެ ދުވަހުގެ ދަތުރުފުޅެއްގައި ލަންކާގެ ރައީސް ޑިސަނަޔެކެ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިއަދު ހަވީރު ވަނީ އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފައެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.