ލ. މާވަށުގައި މީހަކު މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދުން ހޯދައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ ނަލަހިޔަ، ލ. މާވަށް، މޫސާ އިބްރާހިމް (29އ) އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ކަރަށް ވަޅި ހެރުމުގެ ސަބަބުންނެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ) އެވެ. އޭނާ މިހާރު ހުރީ ހއ. ވަށަފަރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ލ. މާވަށް، މޫސާ އިބްރާހިމް (29އ) މަރާލި މައްސަލައިގައި ހައްޔަރުކުރި އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ)-- ފޮޓޯ: ފުލުހުން

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހަމަލާދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ހޯދިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިއަދުު 10:12 ހާއިރު ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެ މާރަމާރީއަކީ ދެ މީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.