ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ގެ ހިދުމަތް ބ އަތޮޅުގައި މިއަދު ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެ އަތޮޅުގެ 13 ރަށަކަށް ފެރީގެ ހިދުމަތް ލިބޭނެ ކަމަށެވެ. މިމަސް ނިމުމުގެ ކުރިން ބ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ފެރީގެ ޓިކެޓް އާރްޓީއެލް ވެބްސައިޓް މެދުވެރިކޮށް އަދި އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނެގެން ހުންނާނެކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

އާރްޓީއެލް ހިދުމަތް ފޯރުކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. އެ ހިދުމަތް އެންމެ ފަހުން ފަށާފައިވަނީ ރ. އަތޮޅުގައެވެ.

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން މިހާތަނަށް 10 އަތޮޅަކަށް މި ހިދުމަތް އަންނަނީ ދެމުންނެވެ. އެއީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ޅ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ރ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއެވެ.

އާރްޓީއެލް މަޝްރޫއަކީ މުޅިރާއްޖެ ތިން ފޭހަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.