ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީ ހޯދުމާ ގުޅޭ މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓާ ޖެނެރަލް، މުހައްމަދު ސާއިފް އަލް ސުވައިދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓާ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ އާއި ވަފުދަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ މިނިވަން ދުވަހުގެ އިހުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކާއި މަޝްރޫއުތަކާ މެދު މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުވުން ނިންމާލާފައިވަނީ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ރާއްޖެ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުންމީދު އާކުރަމުން ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލުގެ މަޝްރޫއުތަކަށް އަބޫދާބީ ފަންޑުން ވަނީ ބޮޑު އެހީއެއް ދީފައެވެ. އެގޮތުން އަބޫދާބީ ފަންޑުން ފުރަތަމަ 1.2 ބިލިއަން ރުފިޔާގެ އެހީއެއް ދިން އިރު، މިދިޔަ އަހަރު އިތުރު 616 މިލިއަން ރުފިޔާގެ ލޯނެއް ދިނެވެ.