ވެއްޓުނު ރަޝިޔާގެ ފްލައިޓުގެ ތަހުގީގަށް 130 ސްޕެޝަލިސްޓުން ފޮނުވައިފިއެވެ.
ސާޅީސް ނުވަ މީހުންނާ އެކު ދަތުރުކުރި ރަޝިޔާގެ އެ ފްލައިޓު ވެއްޓުނު ހާދިސާގައި އޭގެން ދަތުރުކުރި ހުރިހާ އެންމެން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ރަޝިޔާގެ އަންގާރާ އެއާލައިންގެ އެފްލައިޓު ދަތުރުކުރަމުން ދިޔައީ ރަޝިއާ އާއި ޗައިނާ ބޯޑަރު ކައިރީގައި އޮންނަ ޓިންޑާއަށެވެ.
ފްލައިޓު ވެއްޓިފައިވަނީ މޫސުން ގޯސްވެގެން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ވެއްޓުނު އަސްލު ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީ އިން ވަނީ އެހާދިސާގެ ތަހުގީގަށް ފްލައިޓު ވެއްޓުނު ސަރަހައްދަށް 130 ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.
މިނިސްޓްރީގެ އޮފިޝަލުން ވަނީ އެޓީމުން ފްލައިޓުގެ ބައިތައް ބޭނުންކޮށްގެން ތަހުގީގަށް މައުލޫމާތު އެއްކުރުމާއި މަރުވި މީހުންގެ ހަށިތައް ހޯދައި އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
އިމަޖެންސީ މިނިސްޓްރީއިން ވަނީ އެސަރަހައްދުގައި މިހާރު ކޭމްޕް ސައިޓެއް އެކުލަވާލައިފައިވާ ކަމަށާއި ކޮމިއުނިކޭޝަން ސެންޓަރެއް ވެސް ގާއިމްކޮށްފައިވާ ކަމަށް ބުނެފައެވެ.
ފްލައިޓުގެ ކަޅުފޮށިތައް ހޯދައި އެގައުމުގެ އޭވިއޭޝަން ތަހުގީގީ ޓީމުތަކާއި ހަވާލުކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި